ތުހުމަތުތަކެއް ހުރުމުން ފާރިޝްގެ ނަން އެޗްއާރުސީއެމްއަށް އައްޔަން ކުރަން ފާހެއް ނުވި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުސްވާ ދެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމުގެ ތެރެއިން މުހައްމަދު ފާރިޝް ތޯހާގެ މައްޗަށް ތުހުމަތަކެއް އޮތް ކަމަށް ބުނެ އެ މަގާމަށް އޭނާ އައްޔަނު ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އިން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްއާރުސީއެމްގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 8ގައި ހަމަވާތީ އެ ބޭފުޅުންގެ ބަދަލުގައި އެ ކޮމިޝަނަށް އައްޔަނު ކުރުމަށް މަޖިލީހަށް ރައީސް ފޮނުއްވީ ފާރިޝްގެ އިތުރުން މުހައްމަދު ޝަފީގް މަހުމޫދުގެ ނަމެވެ.
ތަފްސީލް - އިއްޔެގެ ކޮމެޓީގައި ދެ ބޭފުޅުންނާ އިންޓަވިއު ކުރުން އޮތެވެ. އެ އިންޓަވިއުގައި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވަނީ:
ފާރިޝްއާ ގުޅޭގޮތުން ބައެއް ޝަކުވާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެ، އެއްވެސް އިރެއްގައި އެފަދަ މައްސަލައެއް އެއްވެސް އިދާރާއަކަށް ހުށަހެޅިފައިވޭތޯ ސުވާލު ކުރެއްވި
އެ ސުވާލަށް ޖަވާބު ދެއްވަމުން ފާރިޝް ވިދާޅުވީ އޭނާއާ ގުޅޭ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި އެފަދަ ކަމަކާ ގުޅިގެން އެއްވެސް އިދާރާއަކަށް ވެސް ހާޒިރު ކޮށްފައި ނުވާ ކަމަށް
"އަޅުގަނޑު އަދި އަޑު އެހީ މި،" ފާރިޝް ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)ވެސް ވަނީ ފާރިޝްއާ ގުޅޭގޮތުން ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ. އަދި އޭނާ ސިފައިންގޭން އިސްތިއުފާ ދިނުމާއި ލާއިންސާނީ އަމަލުތަކަކާ ގުޅުމެއް ވޭތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ.
މެންބަރު ރިފާއުގެ ސުވާލަށް ޖަވާބު ދެއްވަމުން ފާރިޝްއާ ވިދާޅުވީ:
އޭނާއާ ގުޅޭގޮތުން ގެވެށި އަނިޔާގެ ވާހަކައެއް ބޭރު ތެރެއިން އަޑުއިވިގެން އެންމެ ފުރަތަމަ އޭރުގެ އަނބިމީހާއާ ސުވާލު ކުރީ އަނބިމީހާގެ މަންމަ ކަމަށް
އޭނާގެ އޭރުގެ އަނބިމީހާ އެ ފެތުރުނު ވާހަކަތައް ދޮގުކޮށްފައިވޭ 
"ސުވާލު ކުރީމަ ބުނި އެއްވެސް އަނިޔާ އެއް ނުކުރެޔޭ. އަޅުގަނޑެއް ނުކުރަން އަނިޔާ އެއް،" އޭނާ ވިދާޅުވި އެވެ.
ފާރިޝްއާ ފާހަގަ ކުރެއްވި ގޮތުގައި ދެމަފިރިއަކަށް އެކުގައި އުޅެވެން ނެތިގެން ވަކިވުމަކީ ވަރަށް ޒާތީ ކަމެއް ކަމަށެވެ. ކައިވެނި ރޫޅުނުތާ ހަތަރު އަހަރު ފަހުން އެ ކައިވެނި ރޫޅުނީ ގެވެށި އަނިޔާގެ ސަބަބުންނޭ ކިޔާ އަޑު ބޭރުން އިވުނު ކަމަށާއި ނަމަވެސް މިހާރު ވެސް އެ އާއިލާ އާ ގުޅުން ރަނގަޅު ކަމަށް ފާރިޝްއާ ވިދާޅުވި އެވެ. މެންބަރުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި: 
އިންޓަވިއުއަށް ފާރިޝްއަށް ރަނގަޅަށް ތައްޔާރުވެވިފައި ނެތް 
ހިއުމަން ރައިޓްސް އާ ގުޅޭ ގާނޫނުތަކަށް، ހާއްސަކޮށް ފަހުން ހެދިފައި ހުރި ގާނޫނުތަކަށް ފާރިޝް ފަރިތަ ނޫން ކަމަށް މެންބަރުން ފާހަގަ ކުރެއްވި
އިއްޔެގެ ކޮމެޓީގައި ފާރިޝްގެ އިތުރުން މުހައްމަދު ޝަފީގާ އިންޓަވިއުކޮށް މާކްސް ދީފައިވެ އެވެ.
ކޮމިޝަނަށް އައްޔަނު ކުރުމަސް މާކްސް ދިނުމުގެ މިންގަނޑާ އެއްގޮތަށް 75 މާކްސްއަށް ވުރެ މަތިން މާކްސް ލިބުނީ މުހައްމަދު ޝަފީގަށެވެ. އޭނާ އެޗްއާރުސީއެމްއަށް އައްޔަނު ކުރަން ފެންނަ ކަމަށް ކޮމެޓީ އިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެއާއެކު އެ ނަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ