ފަލަސްތީނުގެ ދިފާއުގައި ނަޝީދު: އެގައުމުގެ ރައްޔިތުން ބޭރު ކުރުމަށް ހިންގާ ކޮންމެ ޕްލޭނެއް ނާކާމިޔާބުވާނެ

ފަލަސްތީނުގެ ރައްޔިތުން އެ ގައުމުން ބޭރު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ރައްޔިތުން ދިފާއުކޮށް ނަޝީދު މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގައުމުގެ ކޮންމެ ހިސާބަކުންވެސް ފަލަސްތީނުގެ ރައްޔިތުން ބޭރުކުރުމުގެ މަގްސަދުގައި އިޒްރޭލުން ހިންގާ ކޮންމެ ސްޓްރެޓެޖީއެއް [ޕްލޭނެއް] ނާކާމިޔާބު ވާނެ ކަމަށެވެ.
7 އޮކްޓޯބަރު 2023 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރާއީލަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ ހަމަހަމަ ކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމައަށް ހައްލެއް ގެނައުމަކީ ކޮންމެ މީހެއްގެ ވެސް ކަރާމާތާއި ހައްގުތަކާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ބޭނުންވާ މުހިންމު ކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް ނަޝީދު ވަނީ އިޒްރޭލުން ގައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މުޅި ހުޅަނގުގެ ހުރިހާ ބާރެއް ގުޅިގެން ވެސް ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތާނުލެވޭނެ ކަމަށާއި، މިނިވަން ކަމުގެ ރޫހަކީ އެއަށްވުރެ ވަރުގަދަ ރޫހެއް ކަމަށް ނަޝީދު އޭރު ވިދާޅުވެފައި ވެއެވެ.
އިޒްރޭލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އެކުލަވާލި ނަމަވެސް މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެ އެއްބަސްވުން އުވާލައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 6،964 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 24،576 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ