ކުލަބު މޯލްޑިވްސްއިން "ސެކްޓާ ލީގު"ގައި ވާދަކުރަން ހުޅުވާލައިފި

ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ ކުލަބް މޯލްޑިވްސްއިން މިއަހަރު އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބާއްވާ "ސެކްޓާ ލީގު 2025" ގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސެކްޓާ ލީގަކީ ކްލަބް މޯލްޑިވްސް އިން މި އަހަރު އަލަށް ތައާރަފުކުރާ ދެވަނަ މުބާރާތެވެ. ސެކްޓާ ކަޕް ބާއްވާނީ ކްލަބް މޯލްޑިވްސް ކަޕްގެ ފަހުން އަންނަ އޮކްޓޯބަރު މަހުގެ 25އިން ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހަށެވެ. ކްލަބް މޯލްޑިވްސްއިން ވަނީ މީގެކުރިން "ކިންގްސް ކަޕް"ގެ ނަމުގައި މުޅިން އާ މުބާރާތެއް ތައާރަފުކޮށްފައެވެ. ސެކްޓާ ކަޕު ބާއްވަން ނިންމާފައިވަނީ އެ މުބާރާތަށް ޑިމާންޑު ބޮޑުވުމުންކަމަށް ކުލަބް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މުބާރާތުގެ ފޯމެޓު ރޭވިފައިވާގޮތުން ޖުމްލަ 16 ޓީމަކަށް ވާދަކުރުމުގެ ފުރުސަތު ލިބެއެވެ. މި 16 ޓީމާއެކު މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ސެމީ ފައިނަލުން ފެށިގެން މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ގަޑި ހުއްޓައިގެންނެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފުޓްސަލްއަށް އަނެއްކާވެސް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ގަބޫލުކުރާ ކަމަށާއި ކްލަބް މޯލްޑިވްސް ކަޕް އަދި ކްލަބް މޯލްޑިވްސް ކްލެސިކްގައި ކުޅޭ ކުޅުންތެރިންނަށް ސެކްޓާ ލީގުގައި ނުކުޅެވޭނެ ކަމަށް ކުލަބް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. ނަމަވެސް ކޯޗުންނާއި އޮފިޝަލުންނަށް ބައިވެރިވެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ