ބިންހެލުން އައުމުންވެސް އޮޕަރޭޝަން ކުރުން ހުއްޓައެއްނުލި، އޮޕަރޭޝަން ކާމިޔާބު

މިފަހުން ރަޝިޔާގެ ތާރީޚުގައިވެސް އައި އެންމެ ވަރުގަދަ އެއް ބިންހެލުން އެގައުމުގެ އެންމެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ފެނިންސުލާއަށް އައީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހާދިސާއާ ގުޅޭ އެތައް ވީޑިއޯތަކެއް ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ފާހަގަކޮށްފައިވާ އެއް ވީޑިއޯއަކީ ރަޝިޔާގެ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަރެއްގެ އެތެރެ ފެންނަ ވީޑިއޯއެކެވެ. ބިންހެލުން އައި ސަރަހައްދުގައި ހުރި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ސެކިއުރިޓީ ކެމެރާ ފުޓޭޖުން ފެންނަ ގޮތުގައި ބިންހެލުން އައި ވަގުތު ޑޮކްޓަރުން ގެންދިޔައީ އޮޕަރޭޝަނެއް ކުރަމުންނެވެ. ނަމަވެސް އެ ވަގުތުވެސް ޑޮކްޓަރުން އޮޕަރޭޝަން ކުރުން ހުއްޓައެއްނުލައެވެ. ހެނދުނުގެ ވަގުތެއްގައި އައި އެ ބިންހެލުން އައީ 8.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބިންހެލުމާއެކު އޮޕަރޭޝަން ކުރަން ބަލިމީހާ ބާއްވާފައި އޮތް އެނދު ތެޅިގަތެވެ. އޮޕަރޭޝަން ކުރަން ބޭނުންކުރާ އާލާތްތައްވެސް ވެއްޓި، ލައިޓްތައް ވިއްސައިގެން ދިޔައެވެ. ނަމަވެސް ޑޮކްޓަރުން ދިޔައީ ބަލިމީހާ ދޫކޮށްނުލާ އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ. ރަޝިޔާގެ ދައުލަތުގެ ބްރޯޑްކާސްޓާ އާރްޓީއިން ހިއްސާކޮށްފައިވާ އަދި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި އެ ވީޑިއޯ ފޫޓޭޖްގައި ފެންނަ ޑޮކްޓަރުންނަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އާރްޓީއިން ބުނިގޮތުގައި އެ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާފައިވާއިރު ބަލިމީހާ މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ރަޝިޔާގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ އެ ބިންހެލުން ފުރަތަމަ އައީ ކަމްޗަޓްކާ ކައިރި ކަނޑު އަޑިންނެވެ. ބިންހެލުމާއެކު ސުނާމީއެއް އުފެދިފައިވާއިރު، އިމާރާތްތައް ބިމާހަމަވެ، ފިހާރަތަކާ ގެތަކުން މީހުން ފިލަންދާ މަންޒަރުތައްވެސް ވީޑިއޯތަކުން ވަނީ ފެނިފައެވެ. ޕެސިފިކްގެ ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އަލަސްކާ، ޗައިނާ، އިންޑޮނޭޝިއާ، ފިލިޕީންސް، އަދި ހަވާއީވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ