ރާނީއާއި ވިކްރާންތަށް ގައުމީ އެވޯޑު؟
އިންޑިއާއިން މި އަހަރު ބާއްވާ އެ ޤައުމުގެ 71 ވަނަ ނެޝަނަލް އެވޯޑު ދޭ ހަފުލާގައި ފިލްމީ ތަރިން ކަމަށްވާ ރާނީ މުކަރުޖީއާއި ވިކްރާންތު މަސޭއަށް ޤައުމީ އެވޯޑު ދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބަތަލާ ރާނީ މުކަރުޖީއަށް ޤައުމީ އެވޯޑު ދެނީ 2023 ވަނަ އަހަރު ރިލީޒްވި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގައި ބަތަލާ ދެއްކި މޮޅު އެކްޓިންއަށެވެ. ވިކްރާންތަށް ޤައުމީ އެވޯޑު ދޭން ނިންމާފައި ވަނީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފިލްމު "ޓުވެލްތު ފެއިލް"ގައި އެކްޓަރު ދެއްކި ޕާފޮމެންސަށެވެ. މި އަހަރުގެ ނެޝަނަލް އެވޯޑު ހަފުލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ކަރަން ޖޯހަރު ޑައިރެކްޓްކޮށް ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"އަށް ލިބުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ޓުވެލްތު ފެއިލް" އަދި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ ވިކްރާންތާއި ރާނީ މުކަރުޖީއަށް މި އަހަރު ޤައުމީ އެވޯޑު ދޭން ނިންމިކަމަށް ރިޕޯޓުތަކުން ބުނަން ފެށުމާ އެކު އެ ދެ ތަރިންނަކީ ވެސް އިންޑިއާގެ ސަރުކާރުން ދޭ ޤައުމީ އެވޯޑު ހައްގު ދެ ތަރިން ކަމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ. ޚާއްސަކޮށް ބަތަލާ ރާނީ ފަދަ ހިންދީ ސިނަމާގެ ވަރަށް ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއަކަށް ނެޝަނަލް އެވޯޑު ދިނުން މާ ބޮޑަށް ވެސް ލަސްވެފައިވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އިންޑިއާއިން ނެޝަނަލް އެވޯޑު ދެނީ އިންޑިއާގެ ސިނަމާގައި އާއްމުން ބަލައިގަންނަ ފަދަ ޕާފޮމެންސެއް ދައްކުވައިދީފައިވާ އައުޓްސްޓޭންޑިން އާޓިސްޓުންނަށެވެ. ބަތަލާ ރާނީ މުކަރުޖީ މުހިއްމު ރޯލެއް ކުޅުނު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ 2011 ވަނަ އަހަރު ނޯވޭގައި ދިރިއުޅުނު އިންޑިއާއަށް ނިސްބަތްވާ ދެމަފިރިއަކަށް ދިމާވި ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފެއްދި ވަރަށް ޖަޒުބާތީ ފިލްމެކެވެ. ވިކްރާންތު މަސޭއަށް ގިނަ ބައެއްގެ ތައުރީފު އޮހުނު ފިލްމު "ޓުވެލްތު ފެއިލް" އަކީ ވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ މަނޯޖު ކުމާރު ޝަރުމާ ކިޔާ ވަރަށް އާދައިގެ ފަޤީރު އާއިލާއަކަށް ނިސްބަތްވާ ޒުވާނަކު އައިޕީއެސް އޮފިސަރަކަށް ވުމަށް ކުރި ބުރަ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ