ލޮބުވެތި ކަނބަލުންނޭވެ! އަހުރެންގެ އުޚުތުންނޭވެ! އަހަރެމެން އެންމެވެސް ރީތިކޮށް ހެދުން ލައިގެން ތިބެން ބޭނުންވެއެވެ. ތަފާތު ފެޝަންތަކުގެ ހެދުންލާންވެސް ބޭނުންވެއެވެ. ތަފާތު ގޮތްގޮތަށްވެސް ހެދުންލާން ބޭނުންވެއެވެ.
އެކަމަކު އަހުރެމެން އެފަރާތެއް ދެކެ އެންމެ ލޯބިވާ ފަރާތް، އެންމެ ބޮޑަށް ރުހިވޮޑިގަތުން ބޭނުންވާ ފަރާތް، އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ ފަރާތް، ﷲ ތަޢާލާ އަހުރެމެންނަށް މިއަންގަވަނީ ވަކިގޮތަކަށް ހެދުންލައިގެން ތިބުމަށެވެ.
ދެން ނިކަން ބުނެބަލާށެވެ! ހެދުންލާންވީ މީސްތަކުން ރުހޭނެ ގޮތަށް ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ހެއްޔެވެ؟ ބޭނުންވާ ގޮތް ބަލަން ތިލަފަތެއްގައި ކިރާނީ ހެއްޔެވެ؟ އަހުރެންނަށް ވިސްނޭ ގޮތުން މިއީއަކީ އިތުރަށް ވިސްނަންވެސް ޖެހޭނެ ކަމެއް ނޫނެވެ. ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑަށް މުހިންމުވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.
މީސްތަކުންގެ ރުހުން ހޯދައިގެން މިއަދު ހިތްހަމަޖައްސާލައިގެން އުޅެފައި އަހުރެމެން މަރުވެ ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ހަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުންނަން ޖެހޭ ވަޤުތު ކަންތައްތައް ވާނީ ކިހިނަކުން ހެއްޔެވެ؟ ތިބާއަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ ތިބާއަށް ރުހިގެން ދުނިޔޭގައި އުޅުނު މީހުންނަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ކޮށްދެވޭނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟ މިލިއަނުން ތިބި ފޮލޯވަރސްތަކާއި ފޭންސްތަކަށް ތިބާއަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއް ހެއްޔެވެ؟
ހެދުން ލުމުގައި މީސްތަކުންގެ ރުހުމަށް ނުބަލާށެވެ! ތިމާ ބޭނުންވާ ގޮތަކާއިމެދުގައިވެސް ނުވިސްނާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތް އިޚްތިޔާރުކުރާށެވެ!
އަދި އެއްވާހަކަ ބުނެލާނަމެވެ. އަމިއްލަ ވިޔަފާރިކުރާ އަންހެނުން މަދެއްނޫނެވެ. ވިޔަފާރީގައި ކުރިއަރައިދާންވެސް ބޭނުންވާނެއެވެ. އެކަމަކު ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ރިބާ ހިމެނޭ ލޯނުނަގައިގެން ލިބޭ ކުރިއެރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ދުނިޔޭގެ އުފަލަށްޓަކައި އާޚިރަތް ނަގައިލާބައަކަށް ނުވާށެވެ!
- ޔާސްމީން މުގާހިދުގެ ދަރުސަކުން
ކިތަންމެ ރީތި ފޭރާމުގެ ހެދުން ލިޔަސް ފައިދާކުރާނެ ހަމައެކަނި ގޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ