މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވުމަށް މަޝްވަރާ ކުރަނީ

ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ފިހާރައެއް, އަވައްޓެރި ސްރީ ލަންކާގައި ހުޅުވުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް, ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ރޭ ވިދާޅުވެއްޖެއެވެ. ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއިރު, އެ މަނިކުފާން ވަނީ ރާއްޖޭގެ ވިޔަފާރިތަކުން ލަންކާގައި އިންވެސްޓް ކުރުމަށް އެދިވަޑައިގެންފައެވެ. ދިވެހި ހިކިމަސް ހިމެނޭ ގޮތަށް ރާއްޖޭގެ މަހުގެ އެކި ބާވަތްތަކަކީ ސްރީލަންކާގައި ކުރީންސުރެ ވެސް ޑިމާންޑް ބޮޑު ބާވަތްތަކެކެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަފީރު މަސްޢޫދު އިމާދު ވިދާޅުވީ ލަންކާގައި ދިވެހި މަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި އަދި އެ ގައުމުގައި ދިވެހީން އެ ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެގޮތުން ލަންކާގައި ދިވެހީން ފެކްޓްރީއެއް ހަދައިގެން ރާއްޖޭން ގެންދާ މަސް ޕްރޮސެސް ކުރުމުގެ ފުރުސަތު އެ ގައުމުން ދީފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އަދި މިފްކޯއިން ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯ ރޫމެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. "އެބޭފުޅުން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް އޮތީ. ސްރީލަންކާގެ މާކެޓް ވަރަށް ބޮޑުވާނެ ދިވެހި މަހަށް، މޯލްޑިވް ފިޝްއަކީ ވެސް ސްރީލަންކާ މީހުން ލޭބަލެއް. އެއީ އެ މީހުން ކީ އެއްޗެއް," މަސްޢޫދު ވިދާޅުވިއެވެ. ތޭވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ, އަދި ގިނަ އަދަދެއްގެ ދިވެހީން ވެސް ދިރިއުޅޭ ލަންކާގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވިއްޖެނަމަ ދެ ގައުމުގެ ވިޔަފާރިއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ލަންކާގެ މަސްވެރިންނަކީ ޒަމާނުންސުރެ ބޮޑު ދާ ޖަހައިގެން ތިމާވެއްޓާ ބީރައްޓެހި ގޮތަކަށް މަސްވެރިކަން ކުރާ ބައެކެވެ. މަސްޢޫދު ވިދާޅުވީ މުޅި ދުނިޔެއަށް މަޝްހޫރު ޕޯލް އެންޑް ލައިން މަސްވެރިކަން ކުރަން ދިވެހީންގެ ގާތުން ދަސްކުރަން ލަންކާގެ މަސްވެރިން ބޭނުންވާތީ އެ ހުށަހެޅުން ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ލަންކާއަކީ ރާއްޖެއެކޭ އެއްގޮތަށް ޓޫރިޒަމާއި މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް ސައިފަތާއި ދަނޑުވެރިކަމާއި އެހެން އުފެއްދުންތައް އުފެއްދުމަކީ ވެސް އެ ގައުމުން ކޮށް އުޅޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ