ކެލާގެ އިހުތިސާސުން ވަކިކުރި ސަރަހައްދުގައި 2 ރިސޯޓު ހަދަން ހުޅުވާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް, ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، މިދިޔަ މާޗް މަހުގެ 29ގައި ރައީސް ވަނީ ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން އެ މަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ކެލާގެ ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރައްވައިފައެވެ. އެހެންނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު 14 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައި، އިއުލާނުކުރިއިރު އޭގެ ތެރޭގައި ކެލާގައި ރިސޯޓުތައް ތަރައްގީކުރުމަށް ހިމަނާފައެއް ނުވެއެވެ. އެ އިއުލާނުގައި ރާއްޖޭގެ 11 ފަޅަކާއި، ދެ ރަށެއްގެ އިތުރުން ފިނޮޅެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފައިވެއެވެ. https://www.sun.mv/204204 އެ އިއުލާން ނެރުނުތާ މަހެއްވީ ފަހުން މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާނަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައި ވަނީ، ރިސޯޓު ތަރައްގީ ކުރަން ކެލާ ފަޅުން 156.2 ހެކްޓަރުގެ ސަރަހައްދަކާއި، 169.3 ހެކްޓަރުގެ ސަރަހައްދެއް ދޫކުރާކަން ހިމަނައިފައެވެ. މި ދެ ފަޅުގައި ވެސް 150 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ވަނީ ބީލަމަށް ހުޅުވާލައިފައެވެ. މިނިސްޓްރީގެ އިއުލާނުގައި ވާގޮތުންނަމަ ރިސޯޓުތައް ތަރައްގީކުރަން މިހާރު ހުޅުވާލާފައި މިވަނީ 16 ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި: ހއ. އަތޮޅުގެ ފަސް ފަޅެއް - 150 އެނދުގެ ފަސް ރިސޯޓު ހދ. އަތޮޅުގެ ފަސް ފަޅެއް - 150 އެނދުގެ ފަސް ރިސޯޓު ށ. އަތޮޅުގެ ތިން ފަޅެއް - 150 އެނދުގެ ފަސް ރިސޯޓު ތ. ކުރަންދުވަރު - 100 އެނދުގެ ފަސް ރިސޯޓު ތ. ކަނޑޫފުށި - 100 އެނދުގެ ފަސް ރިސޯޓު ލ. ގަސްގަނޑުފިނޮޅު - 100 އެނދުގެ ފަސް ރިސޯޓު ރައީސް މުއިއްޒު ވަނީ މި އަހަރާއި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ އަހަރުތައް ކަމަށާއި ވައުދުތައް އެ މުއްދަތުގައި ފުއްދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގެ ރައްޔިތުން ގާތަށް ވަޑައިގެން ތަކުރާރުކޮށް އެމަނިކުފާނު ދަނީ އެފަދައިން ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ