މާލޭ ނޯތު ހާބަރު ސަރަހައްދަށް ކައިރިކުރާ މަސްދޯނިތަކުން ކުރިންވެސް ފީ ނުނަގާ ކަމަށާއި މިހާރުވެސް ފީއެއް ނުނަގާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ މާލޭ ނޯތު ހާބަރަށް އިތުުރު ކުރެވުނު ބައިގައި މަސް ދޯނި ފަހަރަށް ހާއްސަކޮށް އީ ޒޯން އަދި އެފް ޒޯން ކަނޑައަޅާފައި ވާކަމަށާއި، މި ސަރަހައްދަށް ކައިރިކުރާ މަސްދޯނިތަކުން ވެސަ އެއްވެސް ފީ އެއް ނުނަގާނެ ކަމަށެވެ.
ނޯތު ހާބަރު ސަރަހައްދު މަސްމާރުކޭޓާ ހަމައަށް ބޮޑުކުރުމާ އެކު އެ ސަރަހައްދަށް ކައިރިކުރާ ހުރިހާ އުޅަނދަކަށް ވެސް ފީ ނަގަން ނިންމާފައި ވީނަމަވެސް މި އުސޫލުން މަސްދޯނިފަހަރު އިސްތިސްނާވާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. ފީ ނަގަން ހަމަޖެހިފައިވަނީ އޭ ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި، ބީ ޒޯން އަދި ސީ ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާގެ ރޭޓުންނެވެ.
އެމްޕީއެލް އިން އިތުރަށް ބުނީ މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންކަމަށާއި، މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މަސްވެރިކަން ކުރާ ސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލު ގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިންކަމުގައިވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާއިރު މަސް ދޯނި ފަހަރަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ. އެހެންކަމުން ނޯތު ހާބަރުގެ ކީ ވޯލްއިން އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވިގެންދާއިރު 25 އުޅަނދު ވެއިޓިންގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
ނޯތު ހާބަރު ސަރަހައްދަށް ކައިރިކުރާ މަސްދޯނިތަކުން ފީ ނެގުމަކީ ކުރާކަމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ