މާރުކޭޓު ސަރަޙައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް
މާލޭގެ ނޯތު ހާބަރު ސަރަހައްދު ނުވަތަ މާރުކޭޓު ސަރަހައްދަށް ކައިރިކުރާ އުޅަނދުފަހަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، އެތަނަށް ކައިރިކުރާ މަސްދޯނިފަހަރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ބުނެފިއެވެ. އެމްޕީއެލްއިން ބުނި ގޮތުގައި ޖޫން ހަތަރުވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީއާއެކުވި އެއްބަސްވުމުގެ ދަށުން, މަސްމާރުކޭޓު ކުރިމަތީ އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް އޮތް މުޅި ބަނދަރު ހިންގުމުގެ ޒިންމާ މިހާރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ. މިހާރު އުސޫލު އޮންނަ ގޮތުންނަމަ އާއްމުކޮށް ނޯތު ހާބަރަށް ގާތްކުރާ އުޅަނދުތަކުން ފީއެއް ނަގައެވެ. އެގޮތުން 'އޭ' ޒޯނުން އުޅަނދުގެ ފުޅާމިނަށް ބަލައި، ގަޑިއަކު މީޓަރަކަށް 50 ލާރި ނަގައެވެ. އަދި 'ބީ' އާއި 'ސީ' ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް އެއް ރުފިޔާ ނަގައެވެ. https://x.com/Portmv/status/1951657811240436134 އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން ވިދާޅުވީ އެމްޕީއެލްގެ ދަށުން ބަލަހައްޓާ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް އެ ކުންފުނިން ނިންމާފައި ނުވާ ކަމަށެވެ. އަދި ނޯތު ޕޯޓުގެ ސަރަހައްދަށް އިތުރު ކުރި ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަހައްދު ތަރުތީބުކުރެވުމުން، މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށާއި، އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ވެސް މިހާރަށްވުރެ އަވަހަށް ކުރުމަށް މަގުފަހިވާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ. އަދި ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، އެ ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ. އެ ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ރިޝްވާން ވަނީ ދެއްވައިފައެވެ. https://x.com/Portmv/status/1951219285042536538 އެމްޕީއެލްއިން ބުނި ގޮތުގައި އެ ބަދަލާއެކު މީގެ ކުރިން 32 އުޅަނދުފަހަރަށް ޖާގަލިބުނު ބަނދަރުން މިހާރު 54 އުޅަނދުފަހަރަށް ޖާގަލިބޭނެއެވެ. އަދި 20 މަސްދޯނިފަހަރަށް ވަކިން ޚާއްސަ ޖާގަތައް ކަނޑައަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއާއެކު އެ ބަނދަރުން ޖުމްލަ 74 އުޅަނދަށް ޖާގަ ލިބޭނެއެވެ. އަދި 25 އުޅަނދު ވެއިޓިންގައި ބާއްވާނެ ޖާގަ ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މާލޭ ނޯތު ހާބަރަކީ، ދުވާލަކު އެތައް ދޯނިފަހަރެއް ގާތްކޮށް މުދާ އަރުވައި، ބާލާ ހަދާ ސަރަހައްދެކެވެ. ގިނަ އަދަދެއްގެ މަސްދޯނިފަހަރު ވެސް އެ ބަނދަރުގެ ބޭނުންކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ