އިއްޔެ ސިޔާސީ މަގާމެއްގައި، މިއަދު ފަނޑިޔާރަކަށް: ވީ ވައުދަކީ މިއީތަ؟
"އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން، ވަކިން ޚާއްސަކޮށް އަދުލުއިންސާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަ ވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން، މީގެ މާނައަކީ ފަހަރެއްގައި ވެސް ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން އެފަދަ ކުށްތައް ކުރާ ފަރާތްތަކުގެ މެދުގަ ސަރުކާރުން ލޯ މަރާލުމެއް ނޫން،" "އެއާ ޚިލާފަށް މީގެ މާނައަކީ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމުން، އެކަން މި ނިންމީ،" ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ކުރިމަތީގައި ހުއްޓި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގަތީ އެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ އިންތިޚާބީ ގޮނޑިއެއް ނުވަތަ މަޤާމެއް ގެއްލޭނެ ކަމަށް ބަޔާންކޮށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ރައީސް ތަސްދީޤުކުރެއްވި ފަހުން އެ އިސްލާޙު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިތާ ދުވަސްކޮޅެއް ފަހުން ފެނުނީ ކުއްލިގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި މަންޒަރެވެ. https://sun.mv/209409 އެއަށް ފަހު އެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު އިސްތިއުފާދެއްވިއިރު، ބާކީ ތިއްބެވި ދެ ފަނޑިޔާރުން ޖަވާބުދާރީވެވަޑައިގަތުމަށް އެދެވޭ ފުރުސަތެއް ނުދީ ވަކިކުރީއެވެ. ހަމަ އެ ދުވަސްވަރު 20 ވަނަ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ޤާނޫނަށް އިސްލާޙު ވެސް ހުށަހަޅައިފައެވެ. މިކަމުގައި ސަރުކާރަށް އަދި ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑެތި ފާޑުކިއުން އަމާޒުވިއެވެ. އޭގެ ފަހުން މިދިޔަ މޭ މަހުގެ ކުރީކޮޅު ބޭއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިފަދައިންނެވެ. "އަޅުގަނޑު ތި ވިދާޅުވި ގޮތަށް ދެންނެވި ހުވާ ކުރި ދުވަހު މިއަދުން ފެށިގެން މިހިނދުން ފެށިގެން، ޖުޑީޝަރީއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނަމޭ. އެއީ ހަގީގަތެއް. އެއީ މިއަދާ ހަމައަށް ވެސް އޮތީ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އޮންނާނީ. ދެން ތި ބޭފުޅުންގެ އަމިއްލަ ޖަޖްމެންޓަކަށް ވެދާނެ، ތި ވިދާޅުވި ގޮތަށް އަޅުގަނޑު ހުރިހާ ތަނެއް ކޮންޓްރޯލް ކުރަނީއޭ،" ރައީސް ވިދާޅުވިއެވެ. "އެހެންވީމާ ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް ޖުޑީޝަރީން ޖަވާބު ދެއްވާނީ. އަޅުގަނޑު އޭގައި ޒިންމާ ނަގައި އަދި ޒިންމާ ނަގަން ޖެހޭނެ ކަމެއް ވެސް ނޯންނާނެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަޅުގަނޑެއް ނުކުރާނަން އެކަހަލަ އެއްވެސް ކަމެއް،" https://sun.mv/209329 މި ސަރުކާރުން ވެރިކަމަށް އައި ޝަރުޢީ ދާއިރާއަށް އަތްނުބާނާން ވައުދުވެގެންނެވެ. އޭގެ ކުރިން އައި ސަރުކާރުތަކެކޭ އެއް ފަދައިން ޝަރުޢީ ދާއިރާ މިނިވަންކުރަން އެންމެ ބޮޑު އިސްކަމެއްދޭން ވައުދުވެގެންނެވެ. އެހެނަސް އާޚިރުގައި ވީ ކިހިނެއްތޯއެވެ؟ ޤާނޫނާއި ޤަވާޢިދު ހެދިފައިވާ ގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ކުރިމަތިލުމުން، އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބަލައި، އެ ފަރާތްތަކަށް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ފެންނަ ކަމަށް ނިންމަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ންނެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އޭގެ ފަހުން ކަމާ ގުޅޭ ކޮމިޓީން ނަންތައް ފާސްކުރަން ފެންނަ ކަމަށް ނިންމައި، ތަޅުމުގައި ރުހުން ދިނުމުން، ދެން އޮންނާނީ މަޤާމުގެ ހުވާކުރުމެވެ. މާޒީއަށް އަލިއަޅުވާލާއިރު، އެކި ސަރުކާރުތަކުގައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާފައިވަނީ އެކި ގޮތްގޮތަށެވެ. އެގޮތުން، އެއް ވެރިކަމުގައި ސުޕްރީމް ކޯޓު ބަންދުކޮށް، ޤައުމުގައި ކުއްލި ޙާލަތު އިއުލާނުކޮށްފައިވެއެވެ. އޭގެ ފަހުން އައި ވެރިކަމުގައި މުޅި ބެންޗު އެކީ އެކަށް ބަދަލުކޮށްލިއެވެ. ކުރުކޮށް ބުނަންޏާ ކޯޓުތައް ވެފައި މި ވަނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ "ބެސްޓް އިންޓްރެސްޓް" ޙިމާޔަތްކުރަން މޮޑެލާ މަސްހުނިގަނޑަކަށެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން އައިސް މައި އިންގްރީޑިއެންޓްތައް ބަދަލުކޮށްލީމާ އެ ހިސާބުން ނިމުނީއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުން: އެ ދުވަހު ވިދާޅުވީ، ޝަރުޢީ ދާއިރާ މި މިނިވަންވީ ކަމަށް -- ފޮޓޯ/ ޕީއެންސީ އޭރު އިދިކޮޅުގައި، ނަމަވެސް މިހާރު ސަރުކާރުގައި ތިއްބެވި ސިޔާސީ ގިނަ ބޭފުޅުންގެ އެއް ޝަކުވާއަކަށްވީ މިދިޔަ ސަރުކާރުގައި ޙުސްނުއްސުޢޫދު ސުޕްރީމް ކޯޓަށް ޢައްޔަންކުރެއްވި ކުރެއްވުމެވެ. ސުޢޫދަކީ އެމްޑީޕީގެ ކުރީގެ މެންބަރެއް ކަމާއި، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަޤާމުގައި ތިބެގެން ނުވާނެ ކަމަށް އޭރު ހަމަ އެ ބޭފުޅުން ވިދާޅުވިއެވެ. އެއީ މާޒީއެވެ. މިއަދު ވެރިކަމުގައި ޕީއެންސީ އޮވެ ޢަމަލުކުރަން އެ ގަސްދުކުރަނީ ހަމަ އެ ގޮތަށެވެ. ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމުގެ ތެރެއިން އެއް ފަނޑިޔާރަކަށް ޢައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ މި ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނައިބުކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހީދެވެ. "ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ،" މިއީ މިދިޔަ ޖުލައި މަހުގެ ފަހު ދުވަހު، ޝަހީދު ހައިކޯޓަށް ޢައްޔަންކުރައްވަން ޖޭއެސްސީން ނިންމި ނިންމުމުގައި އޮތް ޢިބާރާތެވެ. https://sun.mv/209382 ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިޢުލާނުގައިވާ ގޮތުން ނަމަ، އެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް، ނުވަތަ އިންތިޚާބީ މަޤާމެއްގައި، ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. ހަމަ އެ އިޢުލާނުގައިވާ ގޮތުން، މަޤާމަށް ކުރިމަތިލައްވާ ބޭފުޅަކު ޤާނޫނު ނުވަތަ އިސްލާމީ ޝަރީޢާ، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ ދެ ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާއެއް ހުންނަން ވާނެއެވެ. ކޮންމެއަކަސް މި މަޤާމަށް ޝަހީދު ޢައްޔަންކުރަން ޖޭއެސްސީން ނިންމިއިރު، ޝަހީދު މި ފަހަކާ ޖެހެންދެން ވެސް ހުންނެވީ ވެރިކަންކުރާ ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ. ތަޢުލީމީ އަދި ތަޖުރިބާއަށް ބަލާއިރު މިންގަނޑަށް ފެތެނީ ހަމަ ކިރިޔާއެވެ. ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ސިވިލް ކޯޓުގައި މަސައްކަތްކުރައްވާ ބައެއް ޤާޟީންނާއި ތަޖުރިބާހުރި ޤާނޫނީ ވަކީލުން ހިމެނިފައިވާ ކަމެވެ. ދެވަނަ ކަމަކަށް، އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ޝަރުޢީ ދާއިރާއިން މާސްޓާސް ވެސް ޙާސިލުކުރައްވާފައިވާ ބޭފުޅުންނެވެ. ކަން މިހެން އޮތްއިރު، ޝަހީދު ހައިކޯޓަށް ޢައްޔަންކުރަން ފެންނަ ކަމަށް ނިންމުމުން ފަނޑިޔާރުން ޢައްޔަންކުރުމަށް ޖޭއެސްސީން ގެންގުޅުނު މިންގަނޑާއި، މިކަމުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަދެފައިވޭތޯއާއި، ޚުދު ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާގެ އަތެއް އޮތްތޯ، މިއީ ހައްތަހާ ވެސް އުފެދޭ ސުވާލުތަކެވެ. މި ރިޕޯޓު ލިއުމާ ހަމައަށް ވެސް މި ކަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ބަހެއް ނުލިބުނެވެ. ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ. ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވަޒީރުކަން ވެސް ކުރުއްވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ޢަދުލުއިންސާފު ޤާއިމުކޮށްދެވޭ މަންޒަރު ރައްޔިތުންނަށް ފެންނަން ޖެހޭނެ ކަމަށާއި، ނަމަވެސް ދާދި އިހަކަށް ދުވަހާ ޖެހެންދެން ސަރުކާރުގެ ސިޔާސީ މަޤާމެއް ފުރުއްވި ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވޭ ހިނދު، ޢަދުލުއިންސާފު ޤާއިމުކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ހައިކޯޓު: އެ ކޯޓަށް އައްޔަންކުރާ ފަނޑިޔާރުން މިރޭ ހުވާކުރާނެ -- ސަމް ފޮޓޯ/ ފަޔާޒު މޫސާ "އެކަން ވަރަށް ދުރުގައި އޮންނާނީ އެ ކަހަލަ ސިޔާސީ މަޤާމެއްގައި އެހެން ހުރި މީހަކު ކުއްލިއަކަށް ހައިކޯޓަށް ލަނީ ކަމަށް ވާނަމަ،" އޭނާ ވިދާޅުވިއެވެ. ހަމަ މި ރިޕޯޓަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ޤާނޫނީ ވަކީލު މަހްފޫޒު ސަޢީދު ވިދާޅުވީ، ސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅަކު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނަސް އިންސާފު ޤާއިމުކުރެވޭ މަންޒަރު ފެންނަން ވާނެ ކަމަށާއި، އޭނާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ ފަދަ އެއްވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށެވެ. އެކަމަކު، އޭނާގެ ޢަމަލަކީ ނަޒާހާތްތެރިކަމާ މެދު މީހުންގެ ހިތުގައި ސުވާލު އުފެދޭނެ ފަދަ ކަމެއް ކަމުގައި ވަންޏާ އެ ކަމަކީ ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެވަރުގެ ކަމެއް ކަމުގައި އޭނާ ވިދާޅުވެއެވެ. "އެހެން އެގޮތަށް މިންގަނޑު އޮއްވާ، ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓެއް ގޮތުގައި ހުރި މީހަކު، ސިޔާސީ މަގާމެއްގައި ހުރި މީހަކު ގެނައީމާ، އެ މިންގަނޑުތައް ޖޭއެސްސީން އަމިއްލައަށް އެ ދުއްވާލަނީ،" މަހްފޫޒް ވިދާޅުވިއެވެ. އެފަދަ ފަނޑިޔާރެއްގެ ކުރިމައްޗަށް ދިއުމުން އިންސާފު ލިބޭނެތޯ، ސަރުކާރާ ދެކޮޅަށް ޙުކުމްކުރަން ޖެހިއްޖެނަމަ އެކަން އެ ފަނޑިޔާރަކު ކުރައްވާނެތޯ މީހުން ސުވާލު އުފައްދާނެ ކަމަށާއި، އެފަދަ ކަންކަމަށް ޖާގަ އޮވެގެން ނުވާނެ ކަމަށް މަހްފޫޒު ވިދާޅުވިއެވެ. އޭނާ ޤަބޫލުކުރައްވާ ގޮތުގައި ސިޔާސީ މަޤާމުތަކުގައި ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ތިބޭ މީހުން ފަނޑިޔާރު ކަމަށް ކުރިމަތިލައިގެން ވެސް ނުވާނެއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އިންސާފު ޤާއިމުކުރުމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެއް ކަމުގައި ވާތީއެވެ. ހައިކޯޓަށް އައްޔަންކުރެއްވި ޝަހީދާއި ރައީސް މުއިއްޒު: ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި -- ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޝަހީދަށް ވުރެ ޤާބިލު ބޭފުޅުން ކުރިމަތިލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުޅި ޖުޑީޝަރީ ބިނާވެފައި އޮންނަނީ ޢާންމުން ކުރާ އިތުބާރަށް ކަމަށާއި އެ އިތުބާރު ނެތިއްޔާ ޢަދުލުއިންސާފު ހޯދުމަށް އާންމުން ނުދާނެ ކަމަށެވެ. އެ މައްސަލަ މިހާރު އެ އޮތީ ދަށު ކޯޓުގައެވެ. ޝަހީދު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވަން އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބަލައިވެސް ގެންފިއެވެ. އެކަމަކު، މިރޭ ޝަހީދު ހުވައިކުރައްވާނެއެވެ. އިއްޔެ އޭނާ ހުންނެވީ ރައީސް މުއިއްޒު ވިދާޅުވިހާ ގޮތަކަށް ކަންތައް ކުރައްވަން ސިޔާސީ މަގާމެއްގައެވެ. މިއަދު އެ ހުންނަވަނީ ފަނޑިޔާރަކަށެވެ. ފަނޑިޔާރުގެ މިނިވަންވުމަކީ މިނިވަންކަން ރައްޔިތުންނަށް ފެންނަން ވެސް އޮތުމެވެ. ޝަރުޢީ މިނިވަންކަން ގުޅެނީ ރައްޔިތުންގެ އިތުބާރާއެވެ. އެ އިތުބާރު އޮންނާނީ ޝަރުޢީ ދާއިރާ މިނިވަންވާތަން ފެނިގެންނެވެ. ހުވާ ކުރައްވާފައި ފުރަތަމަ ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެން ވައުދަކީ މިއީއެއް ނޫނެވެ. މިއީ މުޅިން އެހެން ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ