ޖޯންގެ ފިލްމު 'ތެހެރާން'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމް އަދި ބަތަލާ މަނޫޝީ ޗިލާ މުހިންމު ރޯލްއިން ފެންނާނެ ފިލްމު "ތެހެރާން"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. އަރުން ގޯޕާލް ޑައިރެކްޓްކުރާ މި ޕޮލިޓިކަލް ޑްރާމާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށެވެ. ކުރިން ސިނަމާތަކުގައި ގެނެސްދޭން ނިންމި ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައި ވަނީ ޑިޖިޓަލްކޮށް ޒީ5 މެދުވެރިކޮށެވެ. ޖޯން އަބްރަހަމް އަދި މަނޫޝީގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ބެލުންތެރިން ތަޖުރިބާކުރާނެ މި ފިލްމަކީ ދުނިޔޭގެ އެކި ޤައުމުތައް އަދި ހާއްސަކޮށް މެއިރުމަތީގެ ޤައުމުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އޭގެތެރޭގައި ބައިނަލް އަޤްވާމީ މަސްރަހުގައި އިސްރާއީލާއި އީރާނާ ދެމެދު ހިނގާ ހަމަނުޖެހުންތަކާ އެކު ދެ ޤައުމަށް ކުރިމަތިވެފައިވާ ގޮން ޖެހުންތައް ވެސް ހިމެނެއެވެ. ފިލްމު "ތެހެރާން"ގެ ލީޑް ތަރިން ކަމަށްވާ ޖޯން އަބްރަހަމް އަދި މަނޫޝީ ޗިލާ--ފޮޓޯ/ބޮލީވުޑްހަންގާމާ ޖޯން މި ފިލްމުގައި ފެންނާނީ އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ އިސް ފުލުސް އޮފިސަރެއްގެ ރޯލްއިންނެވެ. ހަމައެއާއެކު 2012 ވަނަ އަހަރު ނިއު ދިއްލީގައި ހުރި އިސްރާއީލުގެ އެމްބަސީއަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށް ވެސް މި ފިލްމުގައި އަލި އަޅުވާލާފައިވާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ ޓްރެއިލާގެ މަންޒަރެއްގައި ޖޯން ދޫކޮށްލި ޑައިލޮގެއްގައި ބުނެފައި ވަނީ، ޤައުމެއްގެ އަސްކަރީ އޮފިސަރަކު މަރާލުމުން ދެ ޤައުމުން ވެސް އެ މައްސަލައިގެތެރެއަށް ވަންނަ ކަމަށާއި ނަމަވެސް ޓެރަރިސްޓުން މައުސޫމު ކުށެއް ނެތް ބަޔަކު މަރާލުމުން އެކަން ވަރަށް ޒާތީވެގެންދާ ކަމަށެވެ. ޖޯން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ދަ ޑިޕްލޮމެޓް"އިންނެވެ. ފިލްމު "ޕަތާން"އިން ވިލެންގެ ރޯލް ކުޅެ ގިނަ ބައެއްގެ ތައުރީފު ލިބުނު އެކްޓަރު ވަނީ "ތާރިގު" ނަމަކަށް ކިޔާ އަދި އިއުލާނު ނުކުރާ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ