ލޯ މެޑަލްއާއެކު ޓީޓީ ޓީމު އެނބުރި ރާއްޖެއަށް
ނޭޕާލުގައި ބޭއްވި ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުން ހޯދި ލޯ މެޑަލްއާއެކު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ރާއްޖެ އަތުވެއްޖެއެވެ. ނޭޕާލުގައި ބޭއްވި މުބާރާތަށްފަހު ޓީމު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ޓީމަށް މަރުހަބާ ދެންނެވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އެމްއޯސީގެ އިސްވެރިންގެ އިތުރުން ކުޅިވަރު ވުޒާރާ އާއި ޓީޓީ އެސޯސިއޭޝަނުގެ ބައެއް އިސްވެރިންނެވެ. މުބާރާތުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުންނެވެ. އެގޮތުން، މިއީ ރާއްޖޭގެ ފިރިހެން ޓީމަށް ދެކުނު އޭޝިއާގެ މުބާރާތަކުން ލޯ މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. ފިރިހެން ޓީމުން ވަނީ މި މުބާރާތުގައި ސްރީލަންކާ ބަލިކޮށްފައެވެ. ނަމަވެސް އިންޑިއާ އަތުން ސީދާ ތިން ގޭމުން ބަލިވިއިރު، ބަންގްލަދޭޝްގެ މައްޗަށް ވަނީ ކުރިހޯދާފައެވެ. މިއީ ފިރިހެން ޓީޓީގެ ތާރީޚުގައި ލަންކާ އާއި ބަންގްލަދޭޝް ބަލިކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އަންހެން ޓީމުން ވަނީ ސްރީ ލަންކާ ބަލިކޮށްފައެވެ. އަދި ބަންގްލަދޭޝް ބަލިކުރިއިރު، ރާއްޖެ ބަލިވީ ނޭޕާލާއި އިންޑިއާ އަތުންނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރި ގައުމީ ޓީޓީ ފިރިހެން ޓީމުގައި މުންސިފްގެ އިތުރުން ދެން ހިމެނެނީ، އަހްޔާރް އަހުމަދު ހާލިދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި ޒީސްތު ނަސީމެވެ. އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހީމް އަދި އަލްސާ ނާފިޒެވެ. މި ފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރީ، އިންޑިއާ، ބަންގްލަަދޭޝް، ސްރީ ލަންކާ އަދި މުބާރާތް ބޭއްވި ގައުމު ނޭޕާލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ