ނޭޕާލުގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުގެ ލޯ މެޑަލް އާއެކު ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމު ރާއްޖެ އަތުވެއްޖެ އެވެ.
މިއަދު ހެނދުނު ރާއްޖެ އައި އަންހެން އަދި ފިރިހެން ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީގައި، މަރުުހަބާ ދެންނެވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެވެ.
މި ފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރީ، އިންޑިއާ، ބަންގްލަަދޭޝް، ސްރީ ލަންކާ އަދި މުބާރާތް ބޭއްވި ގައުމު ނޭޕާލް އެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ސްރީ ލަންކާގެ މައްޗަށް 3-1 ގޭމުން ކުރިހޯދައިފަ އެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއިން ކުރިހޯދީ ވެސް 3-1 ގޭމުންނެވެ. އެކަމަކު އިންޑިއާ އައަދި ނޭޕާލް އަތުން ރާއްޖެ ވަނީ 3-0 ގޭމުން ބަލިވެފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.
ފިރިހެން ޓީމުން ކުލުނު މެޗުތަކުގެ ތެރެއިން އެ ޓީމުން ވަނީ ސްރީލަންކާގެ މައްޗަށް 3-1 ގޭމުން ކުރިހޯދައިފަ އެވެ. އެކަމަކު އިންޑިއާ އަތުން ސީދާ ތިން ގޭމުން ބަލިވިއިރު، ބަންގްލަދޭޝްގެ މައްޗަށް 3-2 ގޭމުން ވަނީ ކުރިހޯދައިފަ އެވެ. މިއީ ގައުމީ ފިރިހެން ޓީމުން ބަންގްލަދޭޝް އާއި ލަންކާ ބަލިކުރި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއަށް ފަހު ވާހަކަ ދައްކަމުން، ގައުމީ ފިރިހެން ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް ބުނީ، މިއީ ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފިރިހެން މި މުބާރާތުން އެނގިގެންދިޔައީ ފިރިހެން ޓީޓީގެ ކުރިމަގު އުޖާލާކަން ކަމަށް މުންސިފް ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރި ގައުމީ ޓީޓީ ފިރިހެން ޓީމުގައި މުންސިފްގެ އިތުރުން ދެން ހިމެނެނީ، އަހްޔާރް އަހުމަދު ހާލިދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި ޒީސްތު ނަސީމް އެވެ.
އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހީމް އަދި އަލްސާ ނާފިޒެވެ.
ދެކުނު އޭޝިއާގެ ލޯ މެޑަލްއާއެކު ޓީޓީ ޓީމު ރާއްޖެ އަށް ދެކުނު އޭޝިއާގެ ލޯ މެޑަލްއާއެކު ޓީޓީ ޓީމު ރާއްޖެ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ