އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީގެ ނަން ފޮނުވަން ނިންމީ، މިއަދު އޮތް އިންޓަވިއުތަކަށް ފަހެވެ. އެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. މި ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު މެންދުރު ފަހު އިންޓަވިއު ކުރުމަށް ފަހު ރައީސަށް ފޮނުވަން ނިންމީ ޣަނީގެ ނަން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ކުރެއްވިއެވެ. އޭނާއަކީ ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ. ޣަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ، މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު ސުޕްރީމް ކޯޓުން ވަކިކުރުމަށް ފަހެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ޣަނީ ހުންނަވަނިކޮށް، ވެރިކަން ބަދަލުވެ އެމްޑީޕީއަށް 2019 ވަނަ އަހަރު މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރިއިރު ޣަނީވެސް ވަކިކުރިއެވެ. އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، މި ތިން ބޭފުޅުން މި ކުރިމަތިލެއްވީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި ދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ