ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒުއަށް ލަފާދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާކަން އެނގިއްޖެ އެވެ.
އަދަދު އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަންތައް ޖޭއެސްސީން ތަރުތީބު ކުރެއްވިއިރު އެންމެ ކުރީގައި އޮތީ ޣަނީގެ ނަމެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) ގެ ނަން ދެވަނައަށް އޮތްއިރު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ނަން އޮތީ ތިންވަނައަށް ކަން މި ނޫހަށް އެނގިފައިވެ އެވެ.
ޝުޖާއު އުސްމާން އާއި ޣަނީ ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދާދި ފަހުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެ ދެ މަގާމަށް އައްޔަނުކުރީ ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރުމުގެ ކުރިން ޣަނީ ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވާފަ އެވެ. މުއިއްޒުގެ ވެރިކަމުގައި އޭނާއަށް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ދީފަ އެވެ.
އޭނާއާ ދެކޮޅަށް ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި 12 މެންބަރުން ގޮނޑި ގެއްލުވާލުމަށް ސުޕްރީމް ކޯޓުގެ ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަބްދުالله ދީދީ ހުންނެވިއިރު ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވުމާއި ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެ އެވެ.
ޣަނީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން މައްސަލަތައް ބަލައި ފޮނުވި ރިޕޯޓަކަށް ބިނާކޮށް އޭނާ މަގާމުން ވަކިކުރީ ޑިސެމްބަރު 4، 2019 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އޭނާ ވަކިކުރަން 64 މެންބަރުން ވޯޓު ދެއްވި އެވެ. މަގާމުން ވަކިކުރިއިރު ވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގަ އެވެ.
ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ހަތަރު ބޭފުޅަކު ކުރައްވާފަ އެވެ. އެއީ، އަބްދުالله ސައީދު، އަހްމަދު ފާއިޒު، އަހްމަދު އަބްދުالله ދީދީ އަދި މުއުތަސިމް އަދުނާން އެވެ.
މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން އައްޔަނު ކުރެއްވީ މުއިއްޒު އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން މެޖޯރިޓީ ފަނޑިޔާރުންނަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަލަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާނެ ބޭފުޅުންނެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު އޮތް ސުޕްރީމް ކޯޓު ބެންޗުން ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑުކުރި އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން، ސުއޫދު އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓަށް މުއިއްޒު އާއި އެޓާނީ ޖެނެރަލް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ޖޭއެސްސީން ބަލައި، އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހުން ފާސްކުރި އެވެ.
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަނުކުރަން މުއިއްޒުއަށް ލަފާ ދޭން ޖޭއެސްސީން ނިންމައިފި އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަނުކުރަން މުއިއްޒުއަށް ލަފާ ދޭން ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ