ކައިވެންޏަސްފަހު ބައިވެރިޔާއަށް މާރަނގަޅު މީހުން ފެންނަނަމަ ކެތްތެރިވެ ދުޢާކުރަމުން ގެންދާށެވެ! ރޭއަޅުކަމަށްފަހު ދެއަތް އުފުލައި ދުޢާކުރުން ގިނަކުރާށެވެ! އަދި ތިރީގައިވާ ލިޔުމަކީ އެފަދަ ކަންކަމާއި ވަރަށް ގުޅުންހުރި ވަރަށް ޢިބްރަތްތެރި ފިލާވަޅެއްވެސްމެއެވެ. ކޮންމެވެސް ގޮތަކުން ފބައިވެރިޔާއަށް ޝެއާކޮށްލާށެވެ! ހެޔޮ ވިސްނުން ދެއްވަވާނެތެވެ! އިން ޝާ ﷲ
ތިބާ އާއި ބައްދަލުވި އެކުވެރިއަކު މިބުނަނީ "ނަސީމާ" ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ސަލާމްވެސް ބުނި ކަމަށެވެ. ޙަޤީޤަތުގައި ތިބާ އެންމެ ބޮޑަށް ލޯބިވަނީ ނަސީމާދެކެއެވެ. ކައިވެނިކުރަން ބޭނުންވަނީވެސް ނަސީމާ އާއިއެވެ. އެކަމުގެ އެދުމުގައި ހުއްޓައި ކުއްލިއަކަށް މީހަކު އެފަދަ ބަހެއް ބުނުމުން ކިހައި އުފާވާނެ ހެއްޔެވެ؟ އެއޮތީ ހަމަ ނަސީމާ ލިބި ނިމިފައިކަމަށް ޤަބޫލުކުރެވޭނެ ނޫން ހެއްޔެވެ؟
ގިނަ ފަހަރަށް މިފަދަ ކަންކަން މެދުވެރިވާނީ ޝައިޠޯނާ ހިތަށް ވައްދުވާ ވަސްވާސްތަކަކުންނެވެ. ނަސީމާގެ ވާހަކަ އެކުވެރިޔާ އެބުނީ ކޮންމެހެން ނަސީމާ ސަލާމްބުނެގެނެއްވެސް ނޫނެވެ. ޝައިޠޯނާ އެކުވެރޔާގެ ބޮލަށް ސަވާރުވެފަ އެގޮތަށް ތިބާ ގާތު ބުނަން ވަސްވާސްދެނީއެވެ. އެއީ ތިބާ އެންމެ ލޯބިވަނީ ނަސީމާ ދެކެކަން ޝައިޠޯނާއަށް އެނގޭތީއެވެ.
މިގޮތުން ބައެއް ޙާލަތުގައި މިވެނި ފިރިހެނަކު މިހާރުވެސް ހުރީ ތިބާއަށް އެދިގެން ކަމަށް ބުނެ ދޮގުހަދާނެއެވެ. އެއީ ދޮގެއް ނަމަވެސް ޤަބޫލުކުރެވެނީ އެކަމުގައި ހަޤީޤަތެއް އޮތުމުންނެވެ. ތިބާ އެންމެ ހިތް އެދޭ މީހަކީ ކާކުކަން އެ ނުބައި ނުލަފާ އިބިލީހަށް އެނގޭނެއެވެ. ފިރިމީހާ ނޫން ފިރިހެނަކަށް ހިތް ކިޔާނަމަ އެކަން ދެނެގަތުމުގެ ބާރު އިބިލީހަށް ލިބިފައިވާތީ އިބިލީސް އެހެން ބުނުމުން އެއީ ތެދެއްކަމަށްވެސް ޤަބޫލުކުރެވެނީއެވެ.
މިބުނި ބަހުގެ ހެކި ވަރަށް ގިނައިން ވާނީ ތަޖުރިބާ ކުރެވިފައެވެ. މިވެނި މީހަކު އުޅޭ ގޮތުން އޭނާއަށް ހިތް ކިޔައި ކައިވެނި ރޫޅައިލާފަހުން ކުރެވުނީ ކުށް ހީއެއްކަން އެނގި ދެކޮޅުން ލަނޑު ލިބުނީ ކިތައް މީހުންނަށް ހެއްޔެވެ؟
އަދި ގިނަ ފަހަރު މިވެނި ފިރިހެނަކު މާރަނގަޅުވާނެ ކަމަށް ބަލައިގެން ކައިވެނި ރޫޅާލައި އެމީހަކާއި ކައިވެނި ކުރާފަހުން އެމީހާއަކީ ކުރީގެ ފިރިމީހާއަށްވުރެ މާނުބައި މީހެއްކަން އެނގެނީ ކިތައް ފަހަރު ހެއްޔެވެ؟
އިބިލީސް މިގޮތަށް ކަންތައް ކުރަނީ ހަމަ އެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިންނަށްވެސް ވަސްވާސްދީގެން ހަމަ މިލަނޑު ދެއެވެ. ހަމަ މިމަޅީގައި ޖައްސުވައެވެ. ހަމަ މިކެހި ދެއެވެ.
މިކަން އިބިލީސް ކުރަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ކައިވެނި ރޫޅައި ލުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާކަންތައްކަމަށްވާތީ އެކަން ތިބާ ލައްވައި ކުރުވަން ބޭނުންވެގެންނެވެ.
އިލްތިމާސަކީ އިބިލީހުގެ މި މަޅީގައި ނުޖެހުމެވެ. އެއްވެސް މީހަކީ ހުރިހާ ކަންކަން ފުރިހަމަ މީހަކަށް ނުވާނެއެވެ. ފިރިހީމީހާ ނުވަތަ އަނބިމީހާގެ ކިބައިގައި އުނިކަމެއް ހުރި ނަމަވެސް ހައްލަކީ ކައިވެނި ރޫޅައިލުން ކަމަށް ނުދެކޭށެވެ! އެކަމެއް އިޞްލާހުކުރުވަން މަސައްކަތް ކުރާށެވެ! ދެން އެހެން ގޮތެއެ ނެތިގެން ނޫނީ ވަރިއާއިމެދު ނުވެސް ވިސްނާށެވެ! މުސްލިމުންނަށް ވަރިކުރުމަކީ ކުރަން ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ޙަޤީޤީ ސަބަބެއް ނެތި ވަރިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ! އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ! ﷲ ތަޢަލާ އެންމެ ރުހިވޮޑި ނުގަންނަވާ ކަންތައް ކުރުމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ.
ދެމަފިރިއަކު ކައިވެނިކޮށްގެން އުފަލުގައި އުޅޭނަމަ އެދެމެދަށް ވަންނަން ކުރެވުނުހައި ސައްކަތެއް އިބިލީސް ކުރާނެއެވެ. އަނބިމީހާ ގާތު ބުނާނީ ފިރިމީހާގެ މިވެނި އެވެނި އުނިސިފަތަކެއް އެބަހުރިކަމަށާއި މާފުރިހަމަ ފިރިއަކު ލިބިދާނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދެމަފިރިންގެ ދެމެދަށް ވަދެގަނެ ކައިވެނި ރޫޅުވަން ޝައިޠޯނާ ޖަހާ އެންމެ ނުރައްކާތެރި މަޅި އެނގި ރައްކާތެރިވާން އެބަޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ