ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ މައިންބަފައިން އަދާނުކޮށް އެކަން އިންޓެރނެޓާ ޙަވާލުކުރުން- ދަރިންގެ އަޚްލާޤް ގޯސްވެ ދީނާ ދުރުހެލިވާ އެންމެ ބޮޑު ސަބަބު!

ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެކަމަކު އެންމެ 5 އަހަރުގެ ދަރިން ސްމާޓްފޯނު ބޭނުންކުރަން މައިންބަފައިންނަށްވުރެ ސްމާޓްވެއްޖެއެވެ. މިބުނި ފަދަ ސްމާޓްކުދިން އަންނަނީވެސް ގިނަވަމުންނެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ މިކަމުން ކުރަނީ ފައިދާހެއްޔެވެ؟ ނޫނީ ލިބެނީ ގެއްލުން ހެއްޔެވެ؟
ގިނަ މައންބަފައިންނަށް މިއަދު ޤަބޫލުކުރެވިފައި އޮންނަނީ ދަރިންނަށް އައިޕޭޑާއި ސްމާޓްފޯނާއި ލެޕްޓޮޕް ގަނެދިނުމުން ހުރިހާ ކަންކަން ކޮށްދެވި ނިމުނީކަމަށެވެ. ނިކަން ވިސްނައިލަބަލާށެވެ! އެއިރުން ދަރިން ތަރުބިއްޔަތުވާނީ އިންޓަރނެޓުން އެކުދިންނަށް ފެންނަ ގޮތަށް ނޫނެހެއްޔެވެ؟
ވީމާ ފުރަތަމަކަމަކަށްވެސް މައިންބަފައިން ބޭނުންވާ ގޮތަށް ތަރުބިއްޔަތުކުރެވޭނީ މައިންބަފައިން ކުދިން ތަރުބިއްޔަތުކޮށްގެންކަން ޤަބޫލުކުރާށެވެ! ކުދިންގެ އަޚްލާޤަށް އަންނަމުންދާ ނުބައި ބަދަލުތަކާއިއެކު ގެއްލިގެންދަނީ އެކުދިންގެ އަޚްލާޤް އެކަންޏެއް ނޫނެވެ. ދީންވެސް ދަނީ ގެއްލިގެންނެވެ. ވީއިރު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟
ދަރިން ލިބިފައިވާ ޢާއިލާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލައިފިނަމަ ވަރަށް މަދު ޢާއިލާއަކަށް ނޫނީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިންގެ އަޚްލާޤަށް ކުރިމަތިވެފައިވާ މައްސަލަތައްކަމުގައި ޢާއިލާތަކުން ބުނެއެވެ.
ސުވާލަކީ އެހެންކަމަށްވާއިރު އެކަމަށް މައިންބަފައިން ދެނީ ކޮން ސަމާލުކަމެއް ހެއްޔެވެ؟ ދަރިންގެ ކަންކަން ބަލަން އެކަށީގެންވާ ވަރަށް ވަގުތުދެވޭހެއްޔެވެ؟ އެކުދިންގެ ހުރި ކަންބޮޑުވުންތަކާއިމެދު ސުވާލުކޮށް އެކަންކަން ޙައްލުކުރަން އެހީތެރިވެދެވޭ ހެއްޔެވެ؟
ކުދިންނާއި ވާހަކަދެއްކުމުން އެނގެނީ މައިންބަފައިންގެ ކިބައިން މިކަންކަން ފުރިހަމަނުވާކަމެވެ. އެމީހުންނަށް ބޭނުންވާ ވަރަށް ވަގުތު ނުދުވޭކަމެވެ. އަޅައިލުން ދޭންޖެހޭ ވަރަށް އަޅިލުން ނުދެވޭކަމެކެވެ. މައިންބަފައިން އަބަދުހެން އުޅެނީ މަސައްކަތުގައިކަމެވެ.
ދިރިއުޅެން މަސައްކަތްކުރަންޖެހޭނެއެވެ. އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ދަރިންނަށްޓަކައި ވަގުތުހުސްކުރަން އެބަޖެހެއެވެ. ތިމާއަށް ލިބިފައިވާ ދަރިން ތަރުބިއްޔަތުނުކުރެވޭނަމަ ބުރަމަސައްކަތުން ގިނަ އާމްދަނީ ހޯދުމުގެ ބޭނުމެއް ނެތެވެ. އެކަމުން ލިބޭނެ އުފާވެރިކަމަށްވުރެ ލިބޭނެ ހިތްދަތިކަން މާބޮޑުވާނެއެވެ.
ކުއްޖަކު އޭނާއަށް ދޭ ޕޮކެޓްމަނީއެއްކޮށްގެން ބައްޕަގެ ބިޒީ ޝެޑިޔުލްއިން 1 ގަޑިއިރު ގަންނަން އުޅުނު ވާހަކަ މިހާރުވަނީ ވަރަށް މަޝްހޫރު ވާހަކައަކަށްވެފައެވެ. މިއީ ވަރަށް ހިތާމަވެރި ވާހަކައެކެވެ.
ބައެއް ކުދިންގެ ވާހަކަތަކުން އެނގެނީ އެކުދިންގެ ބައްޕައިން އެކުދިންނާއި ލޯބިން ވާހަކަދައްކާނުލައި އެތައް މަސްދުވަހެއް ފާއިތުވާކަމެވެ. ކޮންމެވެސް ކަމަކަށް އަމުރުކުރަން ނޫނީ އަނގައިންވެސް ނުބުނާ ކަމެވެ. އެޙާލަތުގައި ދަރިން ތަރުބިއްޔަތުވާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ.
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ