ހަތިޔާރު ބަހައްޓަން ބޭނުންވާ ކަމަށް ބުނެ އާންމުކުރި ރިޕޯޓު ދޮގުކޮށްފި
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ހަތިޔާރު ނައްތާލުމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ބުނެ އާންމުކޮށްފައިވާ ރިޕޯޓެއް ހަމާސްއިން ދޮގުކޮށްފިއެވެ. އަދި ފަލަސްތީނު ދައުލަތް މިނިވަން ކުރުމަށް އިސްރާއީލާ ކުރިމަތިލުމަކީ އެ ޖަމާއަތަށް ލިބިގެންވާ ގައުމީ އަދި ގާނޫނީ ހައްގެއް ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ. "އެ ހައްގު، އަޅުގަނޑުމެންގެ ފުރިހަމަ ގައުމީ ހައްގުތައް އަނބުރާ ނުލިބޭހާ ހިނދަކު ދޫކޮށްލެވޭކަށް ނެތް. އޭގެ ތެރެއިން އެންމެ ކުރީގައި އޮތީ ގުދުސްގެ ވެރިރަށް ކަމުގައިވާ ފަލަސްތީނުގެ ފުރިހަމަ އިސްތިގުލާލީ، މިނިވަން ދައުލަތެއް ގާއިމްކުރުން." ހަމާސް އިން ބުންޏެވެ. ހަމާސްއިން އެގޮތަށް ވާހަކަ ދައްކާފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ އާއިލާތަކާ ބައްދަލު ކުރައްވައި، އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓީވް ވިޓްކޮފް ދެއްކެވި ވާހަކަފުޅާ ހަވާލާދީ އާންމުވި ރިޕޯޓަކަށް ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ހަމާސް އިން ހަތިޔާރު ބަހައްޓަން ތައްޔާރު ކަމަށް ވިޓްކޮފް އާއިލާތަކަށް ވިދާޅުވެފައިވާ ކަމަށް ބުނެ ބައްދަލުވުމުގެ ރެކޯޑިންއަކާ ހަވާލާދީ ރިޕޯޓުކުރީ އިސްރާއީލުގެ ނިއުސް އައުޓްލެޓް ހާރެޓްޒް އިންނެވެ. އަސީރުންގެ އާއިލާތަކާ ވިޓްކޮފް ބައްދަލު ކުރައްވާފައި ވަނީ ޣައްޒާގައި ހިންގާ އެމެރިކާ އާއި އިސްރާއީލުގެ ތާއީދު އޮންނަ އެހީ ބަހާ މަރުކަޒަކަށް ޒިޔާރަތްކުރުމަށްފަހުއެވެ. ހަމާސްއިން ވަނީ އެމެރިކާގެ މަންދޫބުގެ އެ ދަތުރަކީ އިސްރާއީލުން ޣައްޒާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފޮރުވުމަށް ކުރި ދަތުރެއް ކަމަށް ބުނެ ފާޑުކިޔާފައެވެ. އިސްރާއީލުން ވަނީ ފަލަސްތީނުގެ އާންމުން ބަނޑަށް ޖައްސައި އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާފައެވެ. އެހެންވެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މެއި މަހުން ފެށިގެން އެހީ ދޭ އެ ޖަމާއަތުން އެހީ ފޯރުކޮށްދޭން ފެށިފަހުން، ކާބޯތަކެތި ހޯދަން މަސައްކަތް ކުރަމުން ދިޔަ 1300 އަށްވުރެ ގިނަ ފަލަސްތީނުގެ އާންމުން ޝަހީދުކޮށްލާފައިވާ ކަމަށް އދ ން ބުނެއެވެ. އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގިނަ ގައުމުތަކަކުން އަންނަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ބައިލަގަންނާނެ ކަމަށް އިއުލާނުކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުން ވަނީ އަންނަ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައެވެ. ފްރާންސުންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ