ޑުރަގާ އެކު ހައްޔަރުކުރި ހަތް މީހުން ދޫކޮށްލައި، ތިން މީހުން ބަންދަށް

މަސްތުވާތަކެއްޗާ އެކު މާލޭން ހައްޔަރުކުރި ހަތް މީހަކު ދޫކޮށްލައި، ތިން ޒުވާނުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މި މައްސަލައިގައި ބަންދުގެ މުއްދަތު ޖެހީ ހދ. ނޭކުރެންދޫ، ފްލާވާހައުސް ޢައިޝަތު ފައިޚާ ޠާހާ (19އ)އާއި ނ. މަގޫދޫ، ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ)ގެ އިތުރަށް ސ. ހުޅުދޫ، ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ)އެވެ. އެ މީހުންގެ ތެރެއިން ފައިޚާއާއި އަކްރަމްގެ މައްޗަށް ފަސް ދުވަސް ޖަހާފައިވާއިރު، ތައިސީރު ވަނީ ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން މުއްދަތު ޖެހި މީހުން ހިމެނޭ ގޮތަށް ޖުމުލަ 10 މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު، ތިންފުޅީ ބަނގުރަލާއި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި ހުރީ 66.92 ގުރާމެވެ. އެކަމަކު، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިކުރުމުން ހަތް މީހަކު ޝަރުތުކުރުމަށް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ޝަރުތުކޮށް ކޯޓުން ދޫކޮށްލި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. https://sun.mv/209295 އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ