އެޗްޑީސީގެ ޑީއެމްޑީއަކަށް އާރްޑީސީގެ ޑީއެމްޑީ އަސްބާހު އައްޔަނުކޮށްފި އެޗްޑީސީގެ ޑީއެމްޑީއަކަށް އާރްޑީސީގެ ޑީއެމްޑީ އަސްބާހު އައްޔަނުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު މިއަދު އައްޔަނުކޮށްފި އެވެ.
އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަނުކުރީ އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ޒުހައިރު އެވެ. މިގޮތުން އެޗްޑީސީއަށް އަސްބާހޔ ގެނައީ ޒުހައިރު ބޭނުންވާތީ ކަމަށް ބެލެވެ އެވެ.
އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު މިދިޔަ ޖުލައި 31، ގައި ހުސްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެޗްޑިސީގެ ކުރީގެ އެމްޑީ މައުރޫފް ޖަމީލް ބޭނުންވެގެންނެވެ. މިގޮތުން މައުރޫފް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ވެސް އިސްތިއުފާ ދެއްވީ އެވެ.
އެޗްޑީސީގެ އެމްޑީއަކަށް އަހްމަދު ޒުހައިރު އައްޔަނުކުރުމާ ގުޅިގެން އާރްޑީސީގައި ހުސްވެފައި އޮތް އެމްޑީގެ މަގާމަށް އައްޔަނުކުރީ އިބްރާހިމް ނަޒީމް އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް ޖަމީލް އިސްތިއުފާ ދިނީ އެ މަގާމުން އޭނާ ރިޓަޔާކުރަން ވެސް ހުށަހަޅާފައި އޮއްވަ އެވެ.
މި ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ، މައުރޫފް މަގާމުން ދުރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނަށް ފަހިވާ ގޮތަށް ކަންކަން ނިންމެވުމަށް ދެކޮޅު ހެއްދެވުމެވެ.
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. އޭގެ ކުރިން އެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަނުކޮށްފައި ހުރީ ކޮރަޕްޝަންގެ އެތައް ތުހުމުތަކެއް އަމާޒުވެ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ