ކައުންސިލުތަކުގެ ބާރު ހަނި ކުރަން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބޭނުމަކީ "ކައުންސިލުތައް ނެތިކޮށްލުން" ކަމަށް ބުނެ، އެ އިސްލާހުތަކާ ދެކޮޅަށް އިހުތިޖާޖު ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ގޮވާލައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަނީ ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބޭ ބާރު ހަނި ކުރަން ހުށަހަޅައިފަ އެވެ.
"ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކައުންސިލަރުންނާއި އެންމެހާ ރައްޔިތުން އިހުތިޖާޖު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލަން،" މިއަދު ނެރުނު ބަޔާނެއްގައި އެ ޕާޓީ އިން ބުންޏެވެ.
ކައުންސިލްތަކުގެ ބާރު ހަނި ކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.
"ކުރިއަށް އޮތް ކައުންސިލު އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން މި ޕާޓީ އިން ކުށްވެރި ކުރަން. ރަށްރަށުގެ މައްޗަށް ބާރު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އެމްޑީޕީ އިން ގަބޫލު ކުރަން،" އެމްޑީޕީ އިން ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކާ ދެކޮޅަށް ތެދުވަން ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ ވެސް ވަނީ ގޮވައިލައިފަ އެވެ. އޭނާ ވިދާޅުވީ އެ އިސްލާހުތަކުގެ ބޭނުމަކީ ވަޒީރު ފައިބުޑަށް ކައުންސިލުތައް ގެންދިޔުން ކަމަށެވެ.
"ލާމަރުކަޒީ ނިޒާމަށް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރުން ހުށަހަޅާ އިސްލާހުތަކުން ނިޒާމު ހަރުދަނާވުމަށްވުރެ ނިޒާމު ބަލިކަށިވެ، ކައުންސިލުތަކުގެ ބާރުވެރިކަން ހުއްޓުވާނެ. މަގުސަދަކީ މާލީ މިނިވަންކަން އަނބުރާ މައި ސަރުކާރަށް ނަގައި، އަތޮޅުތަކުން ވަޒީރު ފައިބުޑަށް ސަލާންޖަހަން ދާން މަޖުބޫރުވާ ނިޒާމެއް އުފެއްދުން،" އޭނާ ވިދާޅުވި އެވެ.
"މި އިސްލާހުތަކާ ދެކޮޅަށް ހުރިހާ ކައުންސިލުތަކުން ތެދުވާންޖެހޭ."
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ބަޔާން ކުރާ ހަމަތަކަށް ނުފެތޭ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ ބިލު ފާސް ކުރާތާ އެންމެ ތިން މަސްދުވަސް ތެރޭގައި އެފަދަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ ދެކޮޅަށް އިހުތިޖާޖު ކުރަން އެމްޑީޕީ އިން ގޮވާލައިފި ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ ދެކޮޅަށް އިހުތިޖާޖު ކުރަން އެމްޑީޕީ އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ