މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު ވަޅުލަން ހަވާލުނުކުރާތީ އާއިލާއިން ބޮޑު ހިތާމައެއްގައި މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު ވަޅުލަން ހަވާލުނުކުރާތީ އާއިލާއިން ބޮޑު ހިތާމައެއްގައި

ލ. މާވަށުގައި ޖުލައި 28، ގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑު ހަވާލުނުކޮށް ދިގުލައިގެންދާތީ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޫސަގެ އާއިލާއިން އަދަދު އާ ވާހަކަދައްކަމުން ބުނީ އޭނާ މަރުވިތާ ހަ ދުވަސް ވެފައިވާއިރު އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިނުވާތީ ހިތާމަ ކުރާ ކަމަށެވެ.
"މިހާތަނަށް ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ބޭރަކަށް ނުފޮނުވާ. މިއީ ވަރަށް ހިތާމަހުރި ކަމެއް. މި މީހުން މިހާ މަޖުބޫރުކޮށް އާއިލާއާ ދެކޮޅަށް މަޖުބޫރުކޮށް ގެނެސްފައި ކީއްވެގެން ހެއްޔޭ ޕޯސްޓްމޯޓަމް ހަދަން ނުފޮނުވާ މިހާ ދުވަސް މިތާ މި ބާއްވަނީ،" އޭނާ ބުންޏެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި މޫސާ އިބްރާހިމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ ފޮނުވަން ނިންމާފައި އޮތީ މިއަދެވެ. އެކަމަކު ހަށިގަނޑު އިންޑިއާއަށް ފޮނުވޭނީީ ބުދަ ދުވަހު ކަމަށް އަންގާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ މޫސަ މަރާލި ދުވަހު މާލޭގައި ތިބި އޭނާގެ އާއިލާ މީހުން މާވަށަށް ގޮސް އަތޮޅު ޕޮލިސް ކޮމާންޑަރާ ބައްދަލުކޮށް ޕޯސްޓް މޯޓަމް ނުހަދައި ވީހާވެސް އަވަހަށް މަސްގަނޑު ވަޅުލަން އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދިޔަ ގޮތަށް ގޮސް ޕޮލިސް އަތޮޅު ކޮމާންޑަރު ކައިރީގައި ބުނިން އަޅުގަނޑުމެން އާއިލާއަކުން އޭނާގެ ޕޯސްޓްމޯޓަމް ހަދާކަށް ބޭނުމެއް ނެތޭ. އަޅުގަނޑުމެން ބޭނުންވަނީ މިރެއިން މިރެއަށް މަސްގަނޑު ހިނަވާ ކަފުންކޮށްފައި ވަޅުލަން އަޅުގަނޑުމެންނާ ހަވާލުކުރާށޭ،" އޭނާ ބުންޏެވެ.
އެކަމަކު އާއިލާއިން ތަކުރާރުކޮށް އެދުމުން ވެސް ފުލުހުން އޭނާގެ ޕޯސްޓްމޯޓަމް ހަދަން ރަށުން ގެންދިޔައީ އާއިލާގެ ބަހަށް ދެކޮޅު ހެދުމަށްފަހު ދޮގުހަދައިގެން ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އަޅުގަނޑުމެން އާދޭސް ކޮށްކޮށް އޮއްވައި އާއިލާއާ ދެކޮޅަށް ތަޅާއަޅާލާފައި ގާނޫނު ބަދަލުވެފައޭ އޮތީ ޕޯސްޓްމޯޓަމް ހަދަން މަޖުބޫރޭ ކިޔައިގެން ދޮގުހަދައިގެން ހަށިގަނޑު ގެންދިޔައީ. އެ ރޭވެސް މާވަށު ރައްޔިތުންނަށް ކަހަލ ގޮތަކަށް މީހުން އޮތް އެތަނުގައި. ހުރިހާ އެންމެންނަށް ވެސް އެނގޭނެ އާއިލާއާ ދެކޮޅަށްކަން ޕޮލިހުން ގެނައީ،" އޭނާ ބުންޏެވެ.
މޫސަގެ ހަށިގަނޑު މާލެ ގެނައީ ހަދަން ޖެހޭ ބައެއް ތަހުލީލުތައް ހެދުމަށް ކަމަށް ބުނެ އެވެ. އެކަމަކު އޭނާގެ އޮޓޮޕްސީ ހަދަން ނިންމިކަން ފުލުހުން އެންގީ ފަހުންނެވެ.
މޫސަގެ ހަށިގަނޑު އައިޖީއެމްއެޗް އަށް މޯޗަރީއަށް ގެންގޮސްފައިވެ އެވެ. ހޮސްޕިޓަލަށް ގެންދިޔައީ ފިލާ ފޮށިގަނޑަކަށް ލައިގެންނެވެ. އަދި ހަށިގަނޑު މޯޗަރީއެއް ގެންދިޔައީ ބޮޑީބޭގަކަށް ލައިގެންނެވެ. އާއިލާއިން ބުނީ ހަށިގަނޑު އެއް ތަނުން އަނެއް ތަނަށް ގެންގޮސް "ތަޅުވާތީ" އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.
މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން މޫދަށް ފީނައިގެން ވަނީ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ