އެމްޑީޕީން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ފައިދާކުރޭ، މިހާރު ގެންނަ ބަދަލުން ލިބޭނީ ގެއްލުން: ޞާލިޙް

މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ހެޔޮ ބަދަލުތައް ފެންނަން ފަށައިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްގެ ދައުރު ނިމެން އަހަރެއް ވުމުން، މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ. https://sun.mv/209437 އެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ އިސް، އިތުރު ބޭފުޅުން ވެސް ނުރުހުން ފާޅުކުރައްވާފައި ވަނިކޮށް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެހި ގާނޫނު އަސާސީން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް، 2019 ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހެޅިކަން ޞާލިޙް ފާހަގަކުރެއްވިއެވެ. އެ އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާ ވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ އިސްލާހުތަކުގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ ރަށެއްގެ އިހުތިސާސް ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުސޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފައިވާ ކަމަށް ޞާލިޙް ވިދާޅުވިއެވެ. "ދެހާސް ނަވާރަ ވަނަ އަހަރު ގެނެވުނު އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް. މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ. https://x.com/ibusolih/status/1952037726477525331 ޞާލީޙްގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ މަގުސަދުގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންތް ކައުންސިލްތަކަށް ޚާއްސަކޮށް، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓް ދޭ ގޮތަށް ނިންމިއެވެ. މި ސަރުކާރުން މީގެ ކުރިން ވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ކައުންސިލެއްގެ ދައުރުގައި ބާކީ އޮތީ 18 މަސް ނުވަތަ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ, ކައުންސިލްތަކުގެ ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ބަދަލު ގެނައުން ހިމެނެއެވެ. އެމްޑީޕީން އަންނަނީ އެ ބަދަލުތަކަށް ފާޑުކިޔައި، އޭގެ ސަބަބުން ބާރުތައް މަރުކަޒުވެ، ކައުންސިލްތަކުގެ ބާރު ގެއްލޭ ކަމަށް ތުހުމަތުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ