މަރުގެ އަދަބު ދިނުން ނިމޭނީ ''އިންޑިއާ އައުޓް'' ނިމުނު ގޮތަށް: އުމަރު
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުން ވެސް ނިމޭނީ 'އިންޑިއާ އައުޓް' ހަރަކާތަށް ވީހެން، ކަން ނުވެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ފާޑުވިދާޅުވެއްޖެއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާނެ ކަމަށެވެ. https://x.com/MMuizzu/status/1950611345952719153 އެފަދަ މައްސަލަތަކުގައި އަބަދުވެސް މަރުގެ އަދަބު ދިނުމަށް ވަކާލާތުކުރައްވާ އުމަރު، އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި އެކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް މަޖާޒީ ގޮތަކަށް ވިދާޅުވީ އެއީ ސީރިއަސް ވާހަކައެއްހެން ހީނުވާ ކަމަށެވެ. އާދެ އަޅުގަނޑަށް ހީވަނީ މިހާރު ބައެއް އެއްޗެހި އަޅުގަނޑުގެ ފަރާތުން ކޮޕީކުރަން ފެށީހެން ދެއްތޯ؟ އެކަމަކު އަޅުގަނޑަކަށް ނުފެނޭ މިއީ ސީރިއަސް ވާހަކައެއްގެ ގޮތުގައެއް، އުމަރު ނަސީރު އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، އެތައް އާއިލާއެއް ހަލާކުވެ، އެތައް ބަޔަކު ސަލާންޖަހާ، ވައްކަންކުރާ އަދި މަގުފޭރޭ މީހުންނަށް ބަދަލުވެ, ޖަލުތައް ފުރި، ކޯޓުތަކުގައި އެ މައްސަލަތައް ފުނިޖެހި، އެ ހުރިހާ ކަމެއް ވުމުން އާންމުން އެންމެ ބޮޑަށް ޑިމާންޑުކުރަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކަމަށެވެ. އަދި ވޭތުވެދިޔަ 20 އަހަރުތެރޭ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ކޮންމެ ބަޔަކު ވެސް ދައްކާ ވާހަކައަކީ އެ މައްސަލަ ހައްލުކުރާ ވާހަކަ ނަމަވެސް އެއްވެސް ބަޔަކަށް އެއްވެސް ބަދަލެއް ގެނެވިފައި ނެތް ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ނަސީރު -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް ނަމަވެސް މިހުރިހާ ދުވަހު ވެސް އޭނާ ވަކާލާތުކުރެއްވީ އެފަދަ އަދަބުތައް ތަންފީޒުކުރަން ކަމަށާއި، 20 އަހަރުފަހުން މިއަދު ނަމަވެސް ސިޔާސީ ލީޑަރަކަށް އެކަމުގެ ހައްލު ވިސްނިވަޑައިގަތީތީ އުފާކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަޅުގަނޑު ދައްކާ ރާގަށް، ސަރުކާރުން ވެސް އަދި ބައެއް ސިޔާސީ ބޭފުޅުން ވެސް [ވާހަކަ] ދައްކަވާކަން މި އެނގެނީ. ފުރަތަމަ ކަމަކަށް ވަރަށް އުފާކުރަން އެހެނިހެން ސިޔާސީ ލީޑަރުންނަށް ވެސް މިކަމުގެ ހައްލަކީ ކޮބައިކަން މިއަދު ނަމަވެސް އެނގުނީތީ. އަޅުގަނޑަށް އެނގޭ މީގެ ހައްލު މީގެ 20 އަހަރުކުރިން ވެސް، އުމަރު ނަސީރު އެހެންނަމަވެސް ރައީސް މުއިއްޒު އެ ވިދާޅުވި ވާހަކައަކީ އެއްގޮތަކަށް ވެސް އެކަން ކުރުމަށް ނިއަތް ގަނެގެން ދެއްކެވި ވާހަކަފުޅަކަށް ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ސަބަބަކީ ނިއަތް ގަނެގެން ދެއްކެވި ވާހަކަފުޅެއްނަމަ ވިދާޅުވާނީ އެކަން ކުރަން މިހާރު އަންގައިފި ކަމަށާއި އެހެން އެ މަނިކުފާނު ވިދާޅުނުވާ ކަމަށް އުމަރު ފާހަގަކުރެއްވިއެވެ. އެއާ ޚިލާފަށް ރައީސް ވިދާޅުވީ އެކަން ކުރަން މަޝްވަރާކުރަން ނިންމި ވާހަކަފުޅު ކަމަށާއި އެކަމުން ވެސް އެނގެނީ އެއީ، މީޑިއާގައި ހެޑްލައިނެއް ހަދާލަން ދެއްކެވި ވާހަކަފުޅެއްކަން ކަމަށް އުމަރު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ ޑުރަގުގެ މައްސަލަތައް ހުއްޓުވުމަކީ މާބޮޑު މަސައްކަތެއް ކުރާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަމަށް ބޭނުންވާ ގާނޫނުތައް ވެސް މިހާރު އޮތީ ހެދިފައި ކަމަށާއި ހަމައެކަނި ބޭނުންވަނީ ރައީސުލްޖުމްޙޫރިއްޔާގެ ސޮއި ކަމަށް އުމަރު ވިދާޅުވިއެވެ. މިފަހުން ރާއްޖޭގައި ވަރަށް ގިނަ މަރުތަކެއް ހިނގާފައިވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ގާތްގަނޑަކަށް ކޮންމެ މަރެއްގެ ފަހަތުގައި ވެސް އޮތީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. އެހެންވެ، ލަފާ ކުރެވޭ ގޮތުގައި، އެކަމުގެ ޕްރެޝަރު ސަރުކާރަށް ބޮޑުވެ، ކޮންމެވެސް ކަހަލަ ހައްލެއް ހޯދައިދޭން ރައްޔިތުން އެދެމުންދާތީ ކޮންމެވެސް ކަހަލަ ވާހަކައެއް ދައްކާލީ ކަމަށް އުމަރު ވިދާޅުވިއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން ނިމިގެން ދާނީ އިންޑިއާ އައުޓް ނިމިގެން ދިޔަ ގޮތަށް. އެއީ އިންޑިއާ އައުޓް ވެސް ނިމިގެން ދިޔަ ގޮތަކީ ތިބި ސިފައިންގެ ޔުނިފޯމް ބާލައިގެން. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެކަހަލަ ކޮންމެވެސް ގޮތަކަށްހެން މިކަން ނިމިގެންދާނީ، އުމަރު ނަސީރު އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ 'އިންޑިއާ އައުޓް'ގެ މިސާލު އުމަރު ނެންގެވިއިރު މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި ދިގު ކެމްޕޭނެއް ކުރިއަށްގެންގޮސް، ވައުދު ފުއްދާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މި ސަރުކާރުން ވެރިކަމަށް އައިއިރު ބުނީ ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށެވެ. އަދި ހުރިހާ ސިފައިން މިދިޔަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ފޮނުވާލެވިއްޖެކަން އިއުލާންކޮށް، ސަރުކާރުން ބުނީ ފޮނުވާލީ 76 އިންޑިއާ ސިފައިން ކަމަށެވެ. ނަމަވެސް އެ ގައުމުގެ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމަށް އެ އަދަދަށް މަދަނީން ގެނެސްފައިވާ ކަމަށާއި، އެ މީހުން ރާއްޖެއިން ފައިބާން އެއްބަސްވެފައި ވަނީ 2026ގައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުން އެކަން ހާމަކުރުމުން އިދިކޮޅުން ވަނީ، އެއީ އިންޑިއާ އައުޓް ކެމްޕޭންގެ ވައުދު ފުއްދުން ނޫން ކަމަށާއި އިންޑިއާގެ ސިފައިން އަދިވެސް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު، ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް އިންޑިއާއަށް ފާޑުވިދާޅުވެފައިވުމުން، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އަދި އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ބިޔަ ކެމްޕޭނެއް ހިންގި ފަހުން، މި ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތްތަކުގެ ތެރެއިން ރައީސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެން، އެ މަނިކުފާނުގެ ދައުވަތަކަށް މި އަހަރުގެ މިނިވަން ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން، ޖުލައި 26ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހޯމް މިނިސްޓަރު އަލީ އިހުސާން: -- ފޮޓޯ/ ހޯމް މިނިސްޓްރީ ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ތެރޭ 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނެވެ. ނަމަވެސް، އެއާ ޚިލާފަށް ފާއިތުވި 2024ވަނަ އަހަރު 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި ބޯޑަރުތަކުން މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް މިހާރު ބަންދުކޮށްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. ރާއްޖޭގައި މީގެ 14 އަހަރުކުރިން އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ޤާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ އަދަބަކީ 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އުމުރަށް ޖަލަށްލުމެވެ. މަސްތުވާތަކެތި ޕެޑްލްކުރާ މީހުންގެ އަދަބަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލައި 10،000ރުފިޔާ އާއި ދޮޅުލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މަސްތުވާތަކެތިން މުއާމަލާތުކުރާ މީހުންގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލައި، 25،000ރުފިޔާ އާއި ބައިމިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވާފަދައިން މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި އީރާނާއި ސައޫދީ އަރަބިއްޔާ އާއި ސިންގަޕޫރާއި އިންޑޮނީޝިއާ އާއި ވިއެޓްނާމެވެ. މީގެ އިތުރުން މެލޭޝިއާ އާއި ތައިލޭންޑާއި އެކުވެރި އަރަބި އިމާރާތާއި އަވަށްޓެރި ބަންގްލަދޭޝާއި ޕާކިސްތާނުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރެއެވެ. އެކަމަކު މެލޭޝިއާގައި މަރުގެ އަދަބު މިހާރު އިޚްތިޔާރީ އަދަބަކަށް ބަދަލުކޮށްފައިވާއިރު، ތައިލޭންޑާއި ޕާކިސްތާނުގައި މަރުގެ އަދަބު މިހާރު ދެނީ ވަރަށް މަދުންނެވެ. މަސްތުވާތަކެއްޗާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ބަންގްލަދޭޝްގައި މަރުގެ އަދަބު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ