އީސީގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާބެހޭ ކަންކަން ބަލަހައްޓާ އެ ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސަކަށް އެންމެފަހުން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ އިސްތިއުފާ ދެއްވުމުންނެވެ. 
އެހެންވެ، އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަމެވެ. 
އެ މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިއްޔެ ވަނީ ޝަކީލް ހާޒިރުކޮށް އޭނާއާ އިންޓަވިއުކޮށްފަ އެވެ. އަދި އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވި އެވެ. 
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 60 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. 
އެހެންވެ، މިއަދުގެ ވަގުތެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުން ޝަކީލް އިސްތިއުފާ ދެއްވާނެ ކަަމަށް އެނގިފައިވެ އެވެ. 
ޝަކީލް ވަނީ މީގެ ކުރިން ވެސް އިސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ. އަދި މެމްބަރުކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު، އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ.
ކޮމެޓީގައި ޝަކީލް ވިދާޅުވި ގޮތުގައި އޭނާ އީސީން އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގައި މިނިވަންކަމާއެކު މަސައްކަތްކުރެވިދާނެ ކަމަށް މާހައުލެއް ނެތް ކަމަށް ގަބޫލު ކުރެވުމުންނެވެ. 
The most trusted news source in the Maldives
މިނިވަން މާހައުލެއް ނެތީސް ކޮމިޝަންގައި އޭރު މަސައްކަތްތައް ކުރުމަށް އޭނާ ދެކޮޅު ހެއްދެވީ ކަމަށް ޝަކީލް ވިދާޅުވެފައިވެ އެވެ. އަދިވެސް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ. 
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ޝަކީލް ކުރިން ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓް މެމްބަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ