ވަޓްސްއެޕް ހިންގަން އިންޑިއާ މީހެއް

މެޓަ ކުންފުނީގައި ދިގު މުއްދަތެއް ވަންދެން، އެ ކުންފުނީގެ ވަޓްސްއެޕްގެ އެންމެ އިސް މަގާމު އަދާކުރި ވިލް ކެތު ކާޓު މަގާމުން ވަކިވާން ނިންމައި އެ މަގާމު އިންޑިއާގެ ފިންޓެކް ސްޓާޓްއަޕް "ކްރެޑް" ގެ ބާނީ އާ ހަވާލުކުރަން ނިންމައިފި އެވެ. 
ހަތް އަހަރަށްވުރެ ގިނަ ދުވަހު ވަޓްސްއެޕް މެސެޖިން ސާވިސްގެ އިސް ވެރިޔާގެ ގޮތުގައި މަސައްކަތްކުރި ވިލް ކެތުކާޓް ބަދަލުވަނީ މެޓަ ކުންފުނީގެ އެހެން މަގާމަކަށެވެ. އެތަނުގައި އޭނާ މަސައްކަތްކުރާނީ "މުޅިން އާ އުފެއްދުންތަކެއް ބިނާކުރުމަށް" ކަމަށް މެޓާގެ ސީއީއޯ މާކް ޒަކަބާގް ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
"މި ހުރީ އެކުގައި ގާތުން މަސައްކަތްކުރަން ވަރަށް ބޮޑު ޝައުގުވެރިކަމެއްގައި،" ޒަކަބާގް ބުންޏެވެ.
ކެތުކާޓްގެ އާ ޒިންމާގެ ތަފްސީލާ ބެހޭގޮތުން އެއްޗެއް ބުނަން މެޓާގެ ތަރުޖަމާނު އިންކާރު ކުރި އެވެ.
މެޓާއިން 2014 ވަނަ އަހަރު 19 ބިލިއަން ޑޮލަރަށް ގަތް ވަޓްސްއެޕަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް މެސެޖިން ސާވިސް އެވެ. މިހާރު މަހަކު ތިން ބިލިއަނަށްވުރެ ގިނަ މީހުން ވަޓްސްއެޕް އެކްޓިވްކޮށް ބޭނުންކުރެ އެވެ.
މިދިޔަ މަހު މެޓާއިން ވަނީ ވަޓްސްއެޕް، ފޭސްބުކް އަދި އިންސްޓަގްރާމަށް ހާއްސަ ސަބްސްކްރިޕްޝަން ޕްލޭންތަކެއް ތައާރަފްކުރަން ފަށައިފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް  ހިދުމަތްތަކަށް ވެސް އާ ސަބްސްކްރިޕްޝަންތަކެއް ޓެސްޓުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، ހަމައެކަނި އިޝްތިހާރު ވިއްކައިގެން ލިބޭ އާމްދަނީގެ އިތުރުން ވިޔަފާރި ފުޅާކުރުމަށާއި، އޭއައި އަށް ކުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ހަރަދުތައް އަނބުރާ ހޯދުމަށް މެޓާއަށް އެހީއަކަށް ވާނެ އެވެ.
ކެތުކާޓްގެ ބަދަލުގައި މަގާމާ ހަވާލުވަނީ 2018 ވަނަ އަހަރު "ކްރެޑް" އުފެއްދި ކުނާލް ޝާހް އެވެ. ކްރެޑް އަކީ ގަވާއިދުން ކްރެޑިޓް ކާޑު ބިލްތައް ދައްކާ މީހުންނަށް އިނާމު ނުވަތަ ރިވޯޑްސް ދޭ ކްރެޑިޓް ކާޑު ޕޭމަންޓް ޕްލެޓްފޯމެކެވެ.
ޝާހްގެ ކިބައިގައި ހުރި "އާ އުފެއްދުންތައް ބިނާކުރުމުގެ ވިސްނުމާއި" ދުނިޔޭގެ ބާޒާރާ މެދު އޭނާ ގެންގުޅޭ ތަސައްވުރުގެ ސަބަބުން، އޭނާއަކީ ވަޓްސްއެޕްގެ އިސްވެރިޔާގެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ޒަކަބާގް ބުންޏެވެ.
ޝާހް މި މަގާމަށް އައްޔަންކުރުމުގެ ބައެއްގެ ގޮތުން، މެޓާއިން ކްރެޑް އަށް 900 މިލިއަން ޑޮލަރު އިންވެސްޓްކުރާ ކަމަށް އެ ސްޓާޓްއަޕުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި އިންވެސްޓްމަންޓާ އެކު މިހާރު ކްރެޑްގެ އަގު ވަނީ 4.5 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ