އިންޑިޔާގެ ހައިޕަސޯނިކް މިސައިލް ގަންނަން ޔޫއޭއީން މަޝްވަރާ ކުރަނީ

މެދުއިރުމަތީގެ މަސްރަޙު ހޫނުވުމާ ގުޅިގެން، އިންޑިޔާގެ އެންމެ ކުރިއަރާފައިވާ އަސްކަރީ އުފެއްދުންތައް އެކުވެރި ޢަރަބި ޢިމާރާތަށް (ޔޫއޭއީ) ވިއްކުމަށް ދެ ޤައުމުން މަޝްވަރާތައް ފަށައިފިއެވެ. މީގެ ތެރޭގައި އަޑަށްވުރެ ބާރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ 'ބްރާމޮސް' މަރުކާގެ ކުރޫޒް މިސައިލާއި 'އާކާޝްތީރު' ވައިގެ ދިފާޢީ ނިޒާމު ހިމެނެއެވެ. މި ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، މި ކަމާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި ބާރުމިނުގައި މަޝްވަރާކުރަމުންދާ ކަމުގައެވެ. ނަމަވެސް، ދެ ޤައުމުގެ ޚާރިޖީ ވުޒާރާއިން މި ކަމާމެދު ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މެދުއިރުމަތީގައި އެމެރިކާއިން ފެށި ހަނގުރާމައިގެ ތެރެއިން އީރާނުން ދިން ރައްދު ޙަމަލާތަކަކަށްފަހު، ހުރްމުޒް ކަނޑުއޮޅި ރައްކާތެރިކުރުމަށާއި ދިފާޢީ ބާރު ވަރުގަދަކުރަން ޔޫއޭއީއަށް ވަނީ މަޖުބޫރުވެފައެވެ. އެ ޤައުމުން ބޭނުންވަނީ ހަތިޔާރު ގަންނާނެ އިތުރު މަޞްދަރުތައް ހޯދައި، އެ ޤައުމުގެ އިސްތިޤުލާލު ދެމެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. ހުޅަނގު އޭޝިޔާގެ ޤައުމުތަކަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ އެމެރިކާ، އިޓަލީވިލާތް އަދި ފަރަންސޭސިވިލާތުންނެވެ. ޔޫއޭއީން މިހާރު ވެސް އެމެރިކާގައި އުފައްދާފައިވާ 'ތާޑް' އަދި 'ޕެޓްރިޔަޓް' ނިޒާމު ބޭނުންކުރެއެވެ. މީގެ އިތުރުން، އެ ޤައުމުން ވަނީ ދެކުނު ކޮރެޔާއާއެކު 35 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑު ދިފާޢީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
290 ކިލޯމީޓަރުގެ ރާސްތާއެއް ލިބިފައިވާ ބްރާމޮސް މިސައިލް ޔޫއޭއީއަށް ވިއްކުމުގެ ކުރިން އިންޑިޔާއިން ރަޝިޔާގެ ހުއްދަ ހޯދަން ޖެހޭނެއެވެ. ނަމަވެސް، ރަޝިޔާއާއި ޔޫއޭއީއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އެއީ ހުރަހަކަށް ނުވާނެއެވެ. އިންޑިޔާގެ މަޞްދަރުތަކުން ބުނީ، މި ގުޅުމަކީ ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުމަށް އިންޑިޔާއިން ދޭ ރައްދެއް ކަމުގައެވެ. މީގެ އިތުރުން، މިއީ ސަރަޙައްދީ ބާރުވެރިކަން ގަދަކުރުމަށް ޔޫއޭއީއާއި ސަޢޫދީ ޢަރަބިއްޔާގެ މެދުގައި އޮތް ވާދަވެރިކަމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިސްތިރާޖީ ނިންމުމެކެވެ.
ހުސްވި އަހަރު ޕާކިސްތާނާއި އިންޑިޔާއާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައި އިންޑިޔާއިން ބްރާމޮސް މިސައިލް ބޭނުންކުރުމާއެކު، އެ މިސައިލަށް ބޭރުގެ ޝައުޤުވެރިކަން ބޮޑުވެގެން ދިޔައެވެ. މިހާރު އިންޑިޔާއިން ވަނީ ވިއެޓްނާމާއި އިންޑޮނޭޝިޔާއަށް މި މިސައިލް ވިއްކަން އެއްބަސްވެފައެވެ. އަދި، 2026 މާރިޗުގެ ނިޔަލަށް އިންޑިޔާގެ ހަތިޔާރު ވިއްކުމުގެ ސިނާއަތުގެ އާމްދަނީ ވަނީ 4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ، 2013 އިން 2014 އާ ދެމެދު ލިބިފައިވާ 7.26 މިލިޔަން ޑޮލަރުގެ އާމްދަނީއާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. ދުނިޔޭގައި އަހަރެއްގެ މައްޗަށް ވިއްކާ ހަތިޔާރުގެ %8 އިންޑިޔާއިން ގަންނަމުންދާއިރު، އެއީ ދެވަނައަށް އެންމެ ގިނައިން ހަތިޔާރު ގަންނަ ޤައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ