ފްރާންސަށް ރެކޯޑް ހޫނު ރެއެއް، 21.6 ޑިގްރީ ސެލްސިއަސް

ފްރާންސްގެ ތާރީހުގައި ވެސް އެންމެ ހޫނުގަދަވި ރެޔަކީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ ރޭ ފިނިހޫނުމިން 21 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވި ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.
މިދިޔަ ހަފުތާއިން ފެށިގެން ފްރާންސަށް ކުރިމަތިވެފައިވާ  ހީޓްވޭވްގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. މީގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި ރޭލު ދަތުރުތައް ކެންސަލްކުރުން ހިމެނެ އެވެ. މި ހާލަތާ ގުޅިގެން ބޮޑުވަޒީރު ލެކޯނޫ ވަނީ އަންގާރަ ދުވަހު ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަވައިފަ އެވެ.
ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވި ގޮތުގައި މި މަހުގެ 18 އިން ފެށިގެން މިހާތަނަށް 40 މީހަކު ވަނީ ހޫނުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ގެނބިގެން މަރުވެފަ އެވެ. އޭގެ  ތެރޭގައި ގިނައީ ޒުވާނުން ކަމަށް އޭނާ ވިދާޅުވި އެވެ. 
ފްރާންސްގެ މޫސުމާ ބެހޭ އިދާރާ "މެޓްރޯ-ފްރާންސް" އިން ބުނި ގޮތުގައި، 1947 ވަނަ އަހަރު މޫސުމީ ރެކޯޑުތައް ބަލަހައްޓަން ފެށީއްސުރެ މިހާތަނަށް އެގައުމުގައި އެންމެ ހޫނުގަދަ ރެއެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ އިއްޔެ ރެ އެވެ.
ބޮޑުވަޒީރު ލެކޯނޫ މި މަރުތައް ސިފަކުރެއްވީ "ހިތާމަވެރި މުސީބާތެއް" ގެ ގޮތުގަ އެވެ.  އޭނާ ވިދާޅުވީ، މިއީ މިހާރު ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ފުރަތަމަ ޝިކާރައިން ކަމަށެވެ.
މީގެ އިތުރުން، އެގައުމުގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރު މަރީނާ ފެރާރީ ފްރާންސް އިންޓަ ބްރޯޑްކާސްޓަރަށް ވިދާޅުވީ، ހަފުތާ ބަންދު ފެށުނު ފަހުން އެކަނިވެސް 20 މީހަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ