ހުޅުމާލޭގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލުގެ އަސާސީ ހިދުމަތްތައް 2028ގެ ކުރިން ނިމޭނެ: ގީލާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލުގައި، ބަލި ދެނެގަތުމަށް ބޭނުންވާ އަސާސީ ވަސީލަތްތަކާއި ފަރުވާގެ ހިދުމަތްތައް 2028 ވަނަ އަހަރުގެ ކުރިން ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިން ހަމަޖައްސާފައިވާ މި ހޮސްޕިޓަލަކީ 500 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެކެވެ. މީގެ ތެރެއިން ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަކޮށް 25 އެނދުގެ ފެސިލިޓީއެއް ހުންނާނެއެވެ. އަދި މެޓަރނަލް އެންޑް ޗައިލްޑް ހެލްތުގެ ހިދުމަތްތައްވެސް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ލަނޑުދަނޑިއަކީ 2028 ވަނަ އަހަރުގެ ކުރިން ރޭޑިއޯތެރަޕީ، ކީމޯތެރަޕީ، ޕެޓް ސްކޭން އަދި އަސާސީ ޑައިގްނޯސްޓިކް ޓެސްޓުތައް އެ ތަނުގައި ފެށުމެވެ.
”ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓިސްޕެޝާލިޓީ ހޮސްޕިޓަލެއް ކެންސަރުގެ ހިދުމަތްތައް ހިމެނޭގޮތަށް އަދި މެޓާނަލް އެންޑް ޗައިލްޑްގެ ހިދުމަތްތަކާއެކު ގާއިމުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. މި މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސް 2028ގެ ކުރިން ކެންސަރު ބައްޔަށް ބޭނުންވާ އަސާސީ ފަރުވާތައް، ބަލި ދެނެގަތުމުގެ އެންމެހާ ހިދުމަތްތައް، އެއީ ރޭޑިއޯތެރަޕީ، ކީމޯތެރަޕީއާ ޕެޓް ސީޓީ ފަދަ ހިދުމަތްތައް މި މަރުކަޒުން ފޯރުކޮށްދެވޭނެ،“ ގީލާ ވިދާޅުވިއެވެ.
ކެންސަރު ބަލީގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނިވެސް 67 އަންހެނުންނާއި 53 ފިރިހެނުން ކެންސަރު ޕޭޝަންޓުންގެ ގޮތުގައި އަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ކެންސަރުގެ ފަރުވާ ހޯދުމަށް މިހާތަނަށް 5,755 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އޭގެ ހަރަދު 374 މިލިޔަން ރުފިޔާއަށް އަރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ހިމެނޭހެން ކެންސަރު ފަރުވާއަށް 9 އެނދު ހާއްސަކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ، ހދ، ޅ، ރ، އަދި ގދ އަތޮޅު ހޮސްޕިޓަލްތަކުގައިވެސް މި ހިދުމަތް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އުރަމަތީގެ ކެންސަރު ދެނެގަތުމަށް ބޭނުންވާ މެމޯގްރާމްގެ ހިދުމަތް މިހާރުވެސް ރީޖަނަލް 5 ހޮސްޕިޓަލަކާއި، ފުވައްމުލައް ސިޓީ އަދި ބ. އަތޮޅު ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އިންޑިއާގެ 15 ހޮސްޕިޓަލަކުންނާއި ލަންކާގެ 2 ހޮސްޕިޓަލަކުން އާސަންދަ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖޭގައި ކެންސަރު ބަލި އިތުރުވާ ސަބަބުތައް ދެނެގަތުމަށް ޓަކައި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ތަފްސީލީ ބޮޑު ދިރާސާއެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ