ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން، 64 އިންސައްތަ މީހުން ފަރުވާ ހޯދަނީ މާލެ ސަރަޙައްދުން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ޤީލާ މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި، މެންޓަލް ހެލްތް ހޮސްޕިޓަލް މިހާރު އަޅަން ނިންމާފައިވާ ތަނާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޤީލާ ވިދާޅުވީ، ފާއިތުވި ތިން އަހަރުގައި 70،000 އަށްވުރެ ގިނަ މީހުން ނަފުސާނީ ފަރުވާ ހޯދާފައިވާއިރު، އޭގެތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.
"ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ ފަރާތެއް ސައިކޭޓްރިސްޓް އެހީތެރިކަން ހޯދާފައިވޭ. މީގެތެރެއިން 45،000 މީހުން ޞިއްޙީ ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން،" ޤީލާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނަފްސާނީ ފަރުވާއަކީ ވަކި ޚާއްސަ ކަންތައްތަކެއް ހިމެނޭ ފަރުވާގެ ނިޒާމެއް ކަމަށްވާތީ އެފަދަ ވަކި ހޮސްޕިޓަލެއް ހުރުން މުހިންމުކަން ފާހަގަކުރައްވައި ޤީލާ ވިދާޅުވީ، އެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލި މީހުންވެސް ގިނައީ މާލެ ސަރަޙައްދުގައި ކަމަށެވެ. ހަމައެއާއެކު، މި ހޮސްޕިޓަލް މާލޭގައި އެޅުމަށް ސަރުކާރުން ނިންމަވައި، ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށްވެސް ޤީލާ ވިދާޅުވިއެވެ.
ޤީލާ ވިދާޅުވިގޮތުގައި، މާލެ ސަރަހައްދުގައި ޤާއިމުކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ފަރުވާގެ ނިޒާމެއް ޤާއިމުވެފައިވާ ތަނަކަށެވެ.
ނަފްސާނީ ބަލީގެ 64 އިންސައްތަ މީހުން ފަރުވާ ހޯދަނީ މާލެ ސަރަޙައްދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ