މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއްގެ ދަށުން، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާ ދޫކުރިޔަސް އެ ފައިސާ ޓެރަރިޒަމަށް ބޭނުން ނުކުރާނެކަން ކަށަވަރު ކުރުމުގެ ބާރު އެމެރިކާއަށް އެބައޮތް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލި ނަމަވެސް... އެ ފައިސާ ހަރަދުކުރަނީ އީރާނުގެ ރައްޔިތުންނަށް އެހީވުމަށް ކަމާއި، ޓެރަރިޒަމަށް ފަންޑުކުރަން ނޫންކަން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭނެ،" ސްވިޓްޒަލޭންޑްގެ ބާގެންސްޓޮކް ރިސޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވެންސް ވިދާޅުވި އެވެ.
އެ ރިސޯޓަކީ އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގެ ފުރަތަމަ ބުރު ހޯމަ ދުވަހު ބޭއްވި ތަނެވެ.
މި މަޝްވަރާތަކަކީ ވޭތުވެދިޔަ ހަފުތާގައި އެއްބަސްވި ވަގުތީ އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ ދެ މަސްދުވަހުގެ މަޝްވަރާ މުއްދަތުގެ ފުރަތަމަ މަރުހަލާ އެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ނިމުމެއް ގެނައުމެވެ.
އެ އެމްއޯޔޫގެ ދަށުން އެއްބަސްވި ކަންކަމުގެ ތެރޭގައި، އީރާނާ ދެކޮޅަށް އަޅާފައިވާ "ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމާއި" އީރާނުގެ ހިފަހައްޓާފައިވާ ނުވަތަ ހުރަސްއަޅާފައިވާ ހުރިހާ ފައިސާއަކާއި މުދަލެއް ބޭނުންކުރުމުގެ ފުރިހަމަ ހުއްދަ އެމެރިކާއިން ދިން ހިމެނެ އެވެ.
ވެންސް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ އެ ބަޔަށް ފާޑުކިޔުންތައް އަމާޒުވަނީ "މައުލޫމާތު ނުބައިކޮށް ރިޕޯޓްކުރުމުގެ" ސަބަބުންނެވެ.
އެމެރިކާގެ އެހީތެރިކަމާ އެކު އީރާންގައި ވެރިކަން ކުރެއްވި ޝާހް މުހައްމަދު ރިޒާ ޕަހްލަވީގެ ވެރިކަން ވައްޓާލި 1979 ގެ އިސްލާމީ އިންގިލާބަށް ފަހު، އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަނީ އީރާނުގެ މުދާ ހިފަހައްޓައި، ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ ޖުމްލަ އަދަދެއް ރަސްމީކޮށް އެނގެން ނެތް ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ އަދަދު އުޅެނީ 100 - 123 ބިލިއަން ޑޮލަރާ ދެމެދުގަ އެވެ.
ވެންސް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި ސީނިއާ އެޑްވައިޒަރު ޖެރެޑް ކުޝްނާއާ އެކު ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން މި މަޝްވަރާތައް ކުރިއަށްގެންދިޔަ އިރު، އެ ފައިސާ ނުރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭނެ "ވަރަށް ޝައުގުވެރި ހައްލެއް" ހޯދާފައިވާ ކަމަށެވެ.
"އީރާނުގެ ހިފަހައްޓާފައިވާ އެއްވެސް ފައިސާއެއް ދޫކޮށްލާ ނަމަ، އެ ކަމުގެ ހުއްދަ ދިނުމުގެ ބާރު އަޅުގަނޑުމެންނަށް އޮންނާނެ، އަދި ގަތަރުގެ ސަރުކާރަށް ވެސް އެ ބާރު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަސާސީ ގޮތުން ބަލާއިރު އެ ބޭފުޅުންނަށް މި ކާމިޔާބު ކުރެވުނީ "ޓްރަމްޕްގެ ކްލެސިކް" އެއްބަސްވުމެކެވެ. އެއީ އީރާނުގެ ފައިސާ ދޫކޮށްލައިފި ނަމަ، އެ ފައިސާ އެމެރިކާގެ ދަނޑުވެރިން މުއްސަނދި ކުރުމަށާއި އީރާނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންކުރުން ކަމަށް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި މިއީ "އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް ރަނގަޅު، އީރާނުގެ ރައްޔިތުންނަށްވެސް ރަނގަޅު" ކަމެކެވެ. އަދި މިއީ މި ސަރަހައްދުގައި ގާއިމުކޮށްފައިވާ އަދި ދެމެހެއްޓުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދީ ސަލާމަތީ އޮނިގަނޑަށް ލިބޭ އިތުރު ބާރެއް ކަމަށް ވެސް ވިދާޅުވި އެވެ. -- އޭއެފްޕީ
އީރާންގެ ފައިސާ ދޫކުރިޔަސް ޓެރަރިޒަމަށް ބޭނުމެއް ނުކުރާނެ: އެމެރިކާގެ ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ