ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ފީފާ ވޯލްޑް ކަޕްގައި މި ފަަހަރު މެޗުތައް ހޫނުގަދަ މޫސުމެއްގައި ކުޅެން ޖެހޭތީވެ، ކޮންމެ މެޗެއްގެ ކޮންމެ ހާފެއްގައި ހައިޑްރޭޝަން ބްރޭކް (ކޫލިން ބްރޭކް) އެއް ނަގާ ގޮތުން މެޗުތައް ހަލާކުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް އިންގްލެންޑްގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފި އެވެ.
ޖުމްލަ އެކު، 104 މެޗު ކުޅެން ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ބައިކުޅަ އެއް ބައި މެޗުތައް ކުޅެފައިވާއިރު، އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމަޒުވެފައިވާ އެއް ކަމަކީ، ކޮންމެ މެޗެއްގައި، ކޮންމެ ހާފެއްގެ 22 މިނިޓް ކުޅެވުމާ އެކު، ތިން މިނިޓަށް މެޗު މެދުކަނޑާލައި ނަގާ ހައިޑްެރޭޝަން ބްރޭކާ މެދު އެވެ.
ވޯލްޑް ކަޕްގެ މެޗުތަކުގައި ކުޅުންތެރިންގެ ސަލާމަތަށް ދޭ ހައިޑްރޭޝަން ބްރޭކް، އިސްތިހާރު ކުރުމަށް ބޭނުންކުރާތީ މަޝްހޫރު ކޯޗު ޔާގަން ކްލޮޕް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައި. އޭނާ ބުނިގޮތުގައި ކުޅުންތެރިންގެ ހައްގުގައި ގެނައި މި ބަދަލު މިހާރު ބޭނުންކުރަނީ މާލީ މަންފާ ހޯދުމަށް
ހަައިޑްރޭޝަން ބްރޭކުގެ ނާޖާއިޒު ފައިދާނަަގައި، ވިޔަފާރި އުސޫލުން އިސްތިހާރު ދައްކަން ބޭނުންކުރާތީވެ، ޖަރުމަނުގެ މަޝްހޫރު ކޯޗު، ޔާގަން ކްލޮޕް ވަނީ ފާޑުކިޔައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ އަށް ކޯޗުކޮށްދޭ ތަޖުރިބާކާރު ކޯޗު، މާސެލޯ ބިއެލްސާ ވެސް ވަނީ ހައިޑްރޭޝަން ބްރޭކުގެ ސަބަބުން ފުޓްބޯޅަ އަށް ގެއްލުން ލިބޭ ކަމަށް ބުނެފަ އެވެ.
އެ ގޮތުން، ހައިޑްރޭޝަން ބްރޭކާ ބެހޭގޮތުން ސުވާލުކުރުމުން ޓުޗެލް ބުނެފައިވަނީ، ހައިޑްރޭޝަން ބްރޭކާ ހެދި ފުޓްބޯޅަ މެޗެއްގެ ރީތިކަމަށް އަސަރުކުރާ ކަމަށާއި ހީކުރި ވަރަށް ވުރެން ބޮޑަށް ފުޓްބޯޅަ އަށް ލިބޭ ގެއްލުން ބޮޑުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ.
"ހައިޑްރޭޝަން ބްރޭކު ކުރިން އޮތީ އިހުތިޔާރީ ކަމެއްެގެ ގޮތުގައި، ހޫނު ގަަދަވުމުން ބޭނުންކުރެވޭ ކަމެއްގެ ގޮތުގައި، އަނެއްކާ ނަގާ މުއްދަތު ވެސް ކުރު. އެކަމަކު، އެބަ ފެނޭ، ހައިޑްރޭޝަން ބްރޭކު ބޭނުންވެސް ނުވާ މެޗުތަކުގައި އެކަންކުރާތަން،" ޓުޗެލް ބުންޏެވެ.
"މިހާރު މެޗެއް ހަގީގަތުގައި އެ ބެހެނީ ހަތަރު ކުއާޓަރަށް. އެހެންވެ، މެޗުތައް ހިނގަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރޭ. އެއީ އަހަރެން ހީކޮށްގެން ވެސް ހުރި މިންވަރަށް ވުރެން ބޮޑަށް،"
އޭނާ އަކީ ކުޅުންތެރިންނަށް އިރުޝާދުދޭން ލިބޭ ކޮންމެ ވަގުތެއް ވެސް ބޭނުންކުރަން ބޭނުންވާ ކޯޗެއް ކަމަށާއި އެެހެން ނަމަވެސް، މެޗަށް އަސަރުކުރާ ގޮތަށް ކުޅުންތެރިންނަށް ހުއްޓުން އަންނަ ގޮތަށް މިހެން އަންނަ މެދުކެނޑުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.
"މިހާރު އޮތްގޮތުން ހައިޑްރޭޝަން ބްރޭކުން ގެއްލުން ބޮޑު ކަމަށް ފެންނަނީ،" ކުރިން ޗެލްސީ އާއި ޕީއެސްޖީ އަދި ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އިންްގްލެންޑުން ކުޅުނު ފުރަތަމަ މެޗުން 4-2 އިން ކްރޮއޭޝިއާ އަތުން މޮޅުވި އެވެ. މިރޭ އިންގްލެންޑުން ކުޅޭނީ ގާނާއާ އެވެ. މި މެޗުން. މޮޅުވެގެން ގަދަ 32 ޓީމުގެ ބުރުން އިންގްލެންޑަށް ޖާގަ ލިބޭނެ އެވެ.
ހައިޑްރޭޝަން ބްރޭކާ ހެދި މެޗުތައް ހަލާކުވާ މިންވަރު އިތުރުވޭ: ޓުޗެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ