އުރީދޫ މޯލްޑިވްސް 20 އަހަރު ޚިދުމަތުގައި: ކަސްޓަމަރުންނަށް އަބަދުވެސް ޚާއްސަ އޮފާތަކާ ޖީބަށް ލުއިވާނެ ގޮތްތައް-

ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ދިވެހި އާބާދީއަށް ޒަމާނީ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އުރީދޫ މޯލްޑިވްސްއިން ފާއިތުވި 20 އަހަރު ދުވަހު އަދާކޮށްފައިވަނީ ވަރަށް މުހިއްމު އަދި ފާހަގަކޮށްލެވޭ ދައުރެކެވެ.
2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު "ވަތަނިއްޔާ"ގެ ނަމުގައި ރާއްޖޭގައި ޚިދުމަތް ދޭން ފެށި މި ކުންފުނި، 2013 ވަނަ އަހަރު "އުރީދޫ"ގެ ނަމަށް ރީބްރޭންޑްކުރި ނަމަވެސް، ދިވެހިންގެ ހިތްތަކުގައި ވަތަނިއްޔާގެ ހިތްގައިމު އިޝްތިހާރުތަކާއި، ގުޅުންތަކުގެ ހަނދާން އަދިވެސް ވަނީ ފަޅުނުވެފައެވެ. ރާއްޖޭގެ ތަރައްޤީގައި މުހިއްމު ބައިވެރިއެއްގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑެތި އިންވެސްޓްތަކެއް ކޮށް، އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށްފައެވެ. 
އުރީދޫގެ އަހަރީ ދުވަސް ކޮންމެ އަހަރެއްގެ އޮގަސްޓް 1 ގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނައިރު، މި އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްއިން ވަނީ ކަސްޓަމަރުންނަށް ޚާއްސަ ގިނަ އޮފަރތަކެއް ތަޢާރަފްކޮށްފައެވެ. އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް ހަސަން ވިދާޅުވެފައިވާ ގޮތުގައި، އުރީދޫއިން އަބަދުވެސް މަސައްކަތްކުރައްވަނީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރުމަށެވެ. އަދި އުރީދޫގެ މުވައްޒަފުންގެ %90 އަކީ ދިވެހިންކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގަ އިތުރަށް ކުރިއެރުވުމަށް އެ ކުންފުނިން އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއްކަމަށް ވިދާޅުވިއެވެ.
މި 20 އަހަރުގެ ދިގު ދަތުރުގައި އުރީދޫއިން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. 
 20ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އުރީދޫއިން ވަނީ ހަތަރު ޚާއްސަ އޮފަރެއް ތަޢާރަފްކޮށްފައެވެ. މި އޮފަރތަކަކީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފައިދާތަކެއް ހޯދައިދިނުމަށް ތައްޔާރުކުރެވިފައިވާ އޮފަރތަކެކެވެ. 
· ލިވް އަންލިމިޓެޑް ކެމްޕެއިން: މިއަހަރުގެ އޭޕްރިލްމަހު ފެށި މި ކެމްޕެއިންގެ ދަށުން، އުރީދޫގެ ކޮންމެ ޚިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ. އަދި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެއެވެ. 
· 20 ޕަސެންޓް ބޯނަސް ޑޭޓާ: އޮގަސްޓް މަހުގެ 1 އިން 7 އަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން %20 އިންސައްތައާ ހަމައަށް ބޯނަސް ލިބޭނެ އޮފާއެއްވެސް ތަޢާރަފްކޮށްފައިވެއެވެ. މި ބޯނަސް ޑޭޓާ ހަތަރު ހަފްތާއަށް ބޭނުންކުރެވޭނެއެވެ.
· ސްޕިން ދަ ވީލް އެންޑް ވިން: އޮގަސްޓް މަހުގެ ފުރަތަމަ 3 ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ހިމެނޭ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް، ސަޅި އޮފާތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 
· އެމް ފައިސާ އޮފަރ: އޮގަސްޓް މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ފުޑީޒް އިން ދެން އަންނަ އޯޑަރުން %5 ޑިސްކައުންޓެއް ލިބިގެންދާނެއެވެ.  
އަހަރީ ދުވަހުގެ ހަރަކާތްތައް ފެށިފައިވަނީ އުރީދޫގެ މެނޭޖްމަންޓާއި ބްރޭންޑް އެމްބެސެޑަރު މާޒިޔާގެ މެނޭޖްމަންޓާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކުންނެވެ. މީގެ އިތުރުން ދެވަނަ މެޗެއް ވަނީ އުރީދޫ ޓީމާއި ހަބޭސް އެމްބެސެޑަރުންނާ ދެމެދު ކުޅެފައެވެ. މިފަދަ ހަރަކާތްތަކަކީ ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަންކަމެވެ.
މާލީ ގޮތުން ބަލާއިރު، އުރީދޫ މޯލްޑިވްސްއަށް 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި (އެޕްރީލް 1 އިން ޖޫން 30 އަށް) 167.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 167 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ކުރިއެރުންތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޑިޖިޓަލް ޚިދުމަތްތަކަށް އާންމުންގެ އެދުން އިތުރުވުމާއި، އުރީދޫގެ ފުޅާވެފައިވާ ނެޓްވޯކް އަދި ކަސްޓަމަރުންނަށް އަމާޒުކޮށް ތަޢާރަފްކުރި އައު ޕެކޭޖުތަކާއި ޕްރޮމޯޝަންތައް ހިމެނެއެވެ. ޚާއްސަކޮށް، ފައިބަރ އޮޕްޓިކް ބްރޯޑްބޭންޑް ޚިދުމަތް ފުޅާކުރުމާއި، 5G ނެޓްވޯކް އިތުރު ރަށްރަށަށް ގުޅާލެވުމުގެ ސަބަބުން ކަސްޓަމަރުންގެ ބޭސް އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 
އުރީދޫ މޯލްޑިވްސްއިން ފާއިތުވި 20 އަހަރު ދުވަހު ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފްކުރުމުގައި އިސްދައުރެއް އަދާކޮށްފައިވެއެވެ. ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް އަބަދުވެސް ޚާއްސަ ޚިދުމަތްތަކާއި އޮފާތައް ފޯރުކޮށްދެމުން ގޮސް، ދިވެހިރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ