އޮސްޓްރޭލިއާއިން އުފެއްދި ފުރަތަމަ ޖައްވީ ރޮކެޓް ވެއްޓިއްޖެ
އޮސްޓްރޭލިއާއިން އެ ގައުމުގައި އުފެއްދި ފުރަތަމަ އޯބިޓަލް (ޖައްވީ) ރޮކެޓް، 'އީރިސް'، އުދުއްސާލުމުގެ ތާރީޚީ މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. އޮސްޓްރޭލިއާގެ ގިލްމޯ ސްޕޭސް ކުންފުނިން އުފެއްދި މި ރޮކެޓް ލޯންޗްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު، ކުއީންސްލޭންޑްގެ ބޯވެން އޯބިޓަލް ސްޕޭސްޕޯޓުންނެވެ. މި ލޯންޗް ނާކާމިޔާބުވީ ނަމަވެސް، މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި އެ ގައުމުން މިފަދަ މަސައްކަތެއް ކުރި ފުރަތަމަ ފަހަރު ކަމުން، މިއީ އޮސްޓްރޭލިއާގެ ޖައްވީ ސިނާއަތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރޮކެޓް އުދުއްސާލުމާއެކު، މާ ދުރަކަށް ދިޔުމުގެ ކުރިން އެއްފަރާތަކަށް އަރިއަޅައި، މައްޗަށް އެރިތާ 14 ސިކުންތުގެ ތެރޭގައި އަނބުރާ ބިމަށް ވެއްޓުނީއެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި ތިމާވެއްޓަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ގިލްމޯ ސްޕޭސްއިން ވަނީ ބުނެފައެވެ. ގިލްމޯ ސްޕޭސް ކުންފުނިން ވަނީ މި ލޯންޗް އެއްކޮށް ކާމިޔާބު ނުވެދާނެ ކަމަށް ކުރިންވެސް ބުނެ، މުހިންމީ މި އުދުހުމުގެ ކޮންމެ ސިކުންތަކުންވެސް އަގުހުރި މައުލޫމާތުތަކެއް ލިބި، ކުރިމަގުގެ ލޯންޗްތަކުގެ ކާމިޔާބީއަށް މަގުފަހިވުން ކަމަށް ބުނެފައެވެ. ރޮކެޓް ލޯންޗަށްފަހު ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ މިއީ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި، ލިބުނު މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މި ލޯންޗް ވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެންމެ ފުރަތަމަ މެއި މަހު ލޯންޗް ކުރަން އުޅެނިކޮށް، "އަލްފްރެޑް" ތޫފާނުގެ ސަބަބުން އެ މަސައްކަތް ލަސްކުރަން ޖެހުނެވެ. އޭގެ ފަހުން، ޕަވާ ސާޖެއްގެ ސަބަބުން ރޮކެޓްގެ ޕޭލޯޑް ފެއަރިންގަށް ގެއްލުންވެ، ޓެކްނިކަލް މައްސަލައެއް ދިމާވުމުން ދެވަނަ ފަހަރަށް ލޯންޗް ފަސްކުރިއެވެ. އަދި ޖޫން މަހު، ވައި ގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން ތިންވަނަ ފަހަރަށް ލަސްކުރުމަށްފަހު، އެންމެ ފަހުން ޖުލައި މަހު ލޯންޗްކުރީއެވެ. ގިލްމޯ ސްޕޭސްއަކީ ދެބެއިން ކަމަށްވާ އެޑަމް ގިލްމޯ އާއި ޖޭމްސް ގިލްމޯ އުފެއްދި ކުންފުންޏެކެވެ. އެމީހުންގެ އަމާޒަކީ ޖައްވީ ދާއިރާއިން އޮސްޓްރޭލިއާއަށް ކުރިއެރުން ހޯދައިދިނުމެވެ. އީރިސް ރޮކެޓުގެ އިތުރުން، އެ ކުންފުނިން ސެޓެލައިޓްވެސް އުފައްދައެވެ. މި ލޯންޗް ނާކާމިޔާބުވި ނަމަވެސް، މި ތަޖުރިބާއަކީ އޮސްޓްރޭލިއާގެ ޖައްވީ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ