ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަންކޮށްފި އެވެ.އެ ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ޖަމީލްއާ ހަވާލު ކޮށްދެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް އެވެ.ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގަމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ އަދި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވިއެވެ. ހާއްސަކޮށް އޭނާގެ ގާޒީކަމުގައި ސިވިލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވިއެވެ.އަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނަސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަބްދުﷲ ޖަމީލް، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވިއެވެ.ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުގައެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، އަބްދުﷲ ޖަމީލް ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފަ އެވެ.ޖަމީލްއާ އެކު، ހައި ކޯޓަށް ދެން އައްޔަން ކުރަން ޖޭއެސްސީން ނިންމީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އެވެ.އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން ޖޭއެސްސީގެ އިންޓަވިއު އާއި މާކްސް އިން ކުރި ހޯއްދެވި ނަމަވެސް ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ނަގަން އެ ކޮމިޝަންގައި މިއަދު އެދިވަޑައިގެންފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަައިގަތުމަށް އުޒުރުވެރިވާ ކަމަށް ވެސް އޮތީ އަންގަވައިފަ އެވެ.ސިޔާސީ މަސައްކަތްތަކުގައި ޕީޕީއެމާއި ޕީއެންސީގައި ކުރިން އުޅުއްވި ޝަހީދުގެ އެ ނިންމެވުމާ އެކު، އޭނާ ވެފައި ވަނީ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ފަހުން ނަން އަނބުރާ ނަންގަވަން މިހާތަނަށް ހުށަހެޅުއްވި ފުރަތަމަ ފަރާތަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ