ހައިކޯޓުގެ ދެ ފަނޑިޔާރުންނަށް ކުރީގެ ގާޒީ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުޙައްމަދު ޝަހީދު އައްޔަނުކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ކޯޓްތަކުގެ ބަލަދުވެރިފަރާތް، ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޖަމީލް އާއި ޝަހީދު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާކަމަށެވެ. އެ ދެ ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ނިންމީ ރޭ ބޭއްވި ޖޭއެސްސީގެ 27 ވަނަ ބައްދަލުވުމުގައެވެ.
އައްޔަނުކުރެއްވި ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ޖަމީލް ވަނީ ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައެވެ.
އަލްއުސްތާޛު މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން، ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައިކަމަށް ޖޭއެސްސީން ބުންޏެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޖަމީލާއި ޝަހީދު އައްޔަނުކުރުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ