އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން މި ފަހަރު ވެސް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާގެ އަޅުކަމަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުންޏަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ މިއަދު ހިފަހައްޓައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއިގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފެހެއްޓުމުގެ އިތުރުން އެ ކުންފުނި ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެކަމަކު ޖޫރިމަނާ ކުރަން ކަނޑައަޅާ ވަކި އަދަދެއް މިނިސްޓްރީން ނުނިންމަ އެވެ.
އުމްރާއަށް ދިޔުމަށް އެކި ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ދޫކުރަނީ ދެ އަހަރުގެ ހުއްދައެކެވެ. ރާއްޖެއިން ގިނަ އަދަދެއްގެ ކުންފުނިތަކުން މީހުން އުމްރާއަށް ގެންދެ އެވެ. ނަމަވެސް ހައްޖައަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ.
މިނިސްޓްރީން ނިންމީ އަސްކޮއިގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުމަށާއި އުމްރާއަށް ދާން މީހުން ދައްކާފައިވާ ފައިސާ އަނބުރާ ދައްކަން އެ ކުންފުންޏަށް އެންގުމަށެވެ.
އަސްކޮއިގެ ހުއްދަ ހިފަހައްޓައި ޖޫރިމަނާ ކުރަން ނިންމީ އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި ފައިސާ ދައްކާފައިވާ މީހުން ޖުލައި 24، ގައި ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު އެންމެ ފަހުވަގުތު ކެންސަލް ކުރުމުން، ފައިސާ ދެއްކި މީހުން މިނިސްޓްރީއަށް ހުށަހެޅި ޝަކުވާ ބެލުމަށްފަހު އެވެ.
އުމްރާއަށް މީހުން ނުގެންދިޔުމަށް އުޒުރެއްގެ ގޮތުގައި މެދުއިރުމަތީގައި ނުރައްކާ ބޮޑުކަމަށް ބުނެ އަސްކޮއި ކުންފުނިން އޮޅުވައިލިއިރު އެފަދަ ހާލަތެއް ނެތެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް ދިޔުމަށް މީހުން ދައްކާފައިވާ ފައިސާ އާއި ޕާސްޕޯޓާއި މުހިންމު ލިޔުންތައް ހޯދަން އަސްކޮއިގެ އިސްވެރިޔާއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބު ދީފައި ނުވާ ކަަމަށާއި ރަސްމީކޮށް މިނިސްޓްރީއާ އެ ކުންފުނިން އެއްވެސް މުއާމަލާތެއް މިހާތަނަށް ނުކުރާ ކަމަށެވެ.
މިގޮތުން އިސްލާމިކް މިނިސްޓްރީން އަސްކޮއިއަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބު ލިބިފައި ނުވާކަން މިނިސްޓްރީން ފާހަގަކުރި އެވެ.
އަސްކޮއި ކުންފުންޏަށް މި ފަހަރު ފައިސާ ދައްކާފައިވާ ގދ. ތިނަދޫ މީހަކު ބުނީ އޭނާގެ އާއިލާގެ 13 މީހަކު 330,000ރ. ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުން 28 މީހުންގެ އާއިލާއެއް ވެސް އަސްކޮއި އަށް މި ފަހަރު ފައިސާ ދެއްކި. މަދުވެގެން ފަންސާހަކަށް މީހުން ފައިސާ ދައްކާފައި ވާނެ އުމްރާއަށް ދާން،" އޭނާ ބުންޏެވެ.
މިދިޔަ ރޯދަ މަހު ވެސް އަސްކޮއިން މީހުން އުމްރާއަށް ގެންދިޔުމަށް އިސްތިހާރުކޮށް ފައިސާ ނެގުމަށް ފަހު އުމްރާ އަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުނި 130،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.
އުމްރާއަށް މީހުން ގެންދަން އަސްކޮއިއަށް ދީފައިވާ ހުއްދަ މިނިސްޓްރީން ހިފަހައްޓައިފި އުމްރާއަށް މީހުން ގެންދަން އަސްކޮއިއަށް ދީފައިވާ ހުއްދަ މިނިސްޓްރީން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ