ކޮންމެހެން ބޭނުންވާ މީހުންނަށް ނޫނީ ކަރަންޓް ސަބްސިޑީ ނުދޭން ނިންމަނީ

މިހާރު ސަރުކާރުން ކަރަންޓް ސަބްސިޑީ ދޭ ގޮތުން އޭގެ ފައިދާ ބޮޑަށް ކުރަނީ މާލީ ތަނަވަސްކަން ހުރި މީހުންނަށް ކަމަށާއި އެހެންވެ ކޮންމެހެން ލިބެންޖެހޭ މީހުންނަށް ނޫނީ އަންނަ އަހަރުން ފެށިގެން ސަބްސިޑީ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މާލީ ފުދުންތެރިކަން ކުޑަ އާއިލާތަކަށް ލިބެނީ ސަބްސިޑީ އަށް ދައުލަތުން ކުރާ ހަރަދުގެ ނިސްބަތުން ކުޑަމިންވަރެއް ކަމަށެވެ. އެެހެންވެ އެގޮތަށް ސަބްސިޑީ ދިނުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޖިހާދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކަރަންޓް ސަބްސިޑީ އަށް އަންނަ އަހަރު ގެންނަ ބަދަލުގެ ސަބަބުން، އެއަށް ކުރާ ހޭދަައިގެ ގާތްގަނޑަކަށް 40 ޕަސެންޓް ސަލާމަތް ކުރެވޭނެ ކަމަށެވެ. "އަދި އާސަންދަ އަށް ދައުލަތުން ކުރާ ހަރަދުވެސް ވަނީ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރަން ޖެހިފައި. މިގޮތުން މި ހަރަދު ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން،" ޖިހާދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ ވެސް ކޮންމެހެން ބޭނުންވާ މީހުންނަށް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޖިހާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަބްސިޑީ ދިނުމުގެ ސިޔާސަތަށް ބަދަލު ގެނައި ނަމަވެސް، 188 ރަށުގައި މީހުން ދިރިއުޅޭ ނަމަ މަގުސަދު ހާސިލެއް ނުވާނެ އެވެ. އަދި ކުދި އާބާދީތަކަށް ހުރިހާ ވަސީލަތްތައް ފޯރުކޮށްދޭން ސަރުކާރުން ބޭނުންވި ނަމަވެސް އެއީ ކުރަން ދަތި، އަގުބޮޑު ކަމެއް ކަމަށް ޖިހާދު ވިދާޅުވި އެވެ. "ސަބަބަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކާ އަޅާބަލާއިރު ވެސް ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބޮލަކަށް ކުރަންޖެހޭ ހަރަދު ބޮޑުވުން. ވީމާ އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށަައަޅައި، އެއަށް އަމަލީ ސިފައެއް ގެނައުން މުހިންމު. މިކަމުގައި ތިޔަ އިއްޒަަތްތެރި މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އަޅުގަނޑު ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ. ޖިހާދު ވިދާޅުވީ ކުދިކުދި ރަށްރަށުގައި މީހުން ދިރިއުޅުމުގެ ސިޔާސަތަށް ބަދަލު ގެނައުމަކީ ކުރަން އުނދަގޫ ކަމަކަށް ވިޔަސް، އެއީ ލަސްނުކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދީ، މާލީ ކުރިއެރުން ކުރިމަގުގައި ބިނާވާނީ އެކަމާ ގުޅިގެން އަޅާ ހަރުދަނާ ފިޔަވަޅެއްގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަކީ 24.3 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު ހަ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ