އެއްލައިދޫ އިންވެސްޓްމެންޓްގެ ބޭންކު އެކައުންޓްތައް ފްރީޒު ކުރަން ކޯޓުން ނިންމައިފި

އެއްލައިދޫ ރިސޯޓު ހިންގަމުން ގެންދާ އެއްލައިދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓަތައް ފްރީޒު ކުރުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން މިގޮތަށް ނިންމާފައިވަނީ އެއްލައިދޫ ރިސޯޓުގެ ލީޒް ރެންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން މީރާއިން ކޮށްފައިވާ ޖުރުމާނާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އަމަލުކޮށްފައި ނުވާތީއެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި ލީޒް ރެންޓް ދައްކަން ޖެހޭ ތާރީހަށް ދައްކާފައި ނުވާތީ އެއޮތޯރިޓީން އެއްލައިދޫ އިންވެސްޓްމެންޓް 19274 ޑޮލަރުން ކޮށްފައިވާ ޖުރުމާނާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެޕްރީލު މަހު ކުރި ދައުވާއާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް މައްސަލަ މިހާރުވަނީ ކޯޓަށް ހުށަހަޅާފައެވެ.
އެއްލައިދޫ އިންވެސްޓްމެންޓުގެ ބޭންކް އެކައުންޓްތައް ފްރީޒުކޮށް މީރާއަށް ދައްކަން ޖެހޭ ފައިސާ އެ އެކައުންޓްތަކުން ނެގުމަށް ކޯޓުން ނިންމާފައިވަނީ އިއްޔެ ބޭއްވި އަޑުއެހުމެއްގައެވެ.
މިމައްސަލައާއި ގުޅިގެން އިތުރު އަޑުއެހުމެއް އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށްވަނީ ނިންމާފައެވެ.
އެއްލައިދޫއިން ދައްކަން ޖެހޭ ލީޒް ރެންޓް ނުދައްކައިގެން ކުރި ޖުރުމާނާ ހޯދަން މީރާއިން ދައުވާކޮށްފައިވާ އިރު، އެއްލައިދޫ އިންވެސްޓްމެންޓުން ހިންގަމުން ގެންދާ އއ.މާގަލާގެ ކުލި ނުދައްކައިގެން ޖުރުމާނާގެ ގޮތުގައި 71989 ޑޮލަރު ހޯދުމަށް ވެސް މީރާއިންވަނީ ދައުވާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ