ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުން ހަރުދަނާކޮށް، އީޖާދީ ހިދުމަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ފިނަސްޓްރާގެ "އެސެންސް" ޕްލެޓްފޯމް އިހުތިޔާރުކޮށްފިއެވެ.
މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާއިން އިއުލާންކުރި ގޮތުގައި، ބީއެމްއެލްގެ ކޯބޭންކިން ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެއެވެ. އެގޮތުން އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ.
ފިނަސްޓްރާ "އެސެންސް" ގާއިމުކުރުމުން ބީއެމްއެލްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި އިތުރަށް ހިމެނެނީ:
ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުންބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތަޢާރަފުކުރުމާއި، ޚިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ.
"ފިނަސްޓްރާ އެސެންސްއާއެކު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން، ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ.." ޝަރީފް ވިދާޅުވިއެވެ.
ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި އެ ބޭންކުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިޚްތިޔާރު ކުރުމުން ހާމަވަނީ، އަޅުގަނޑުމެންގެ ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާއެކު ހަލުވި ދުވެލީގައި އައު އީޖާދުތައް ތަޢާރަފުކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ފިނަސްޓްރާ އެސެންސް އިޚްތިޔާރު ކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ޚިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުންނެވެ. މީގެ އިތުރުން، ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސްގެ މައްޗަށް ބިނާކޮށެވެ.
ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ