ފީފާއިން މެސީއަށް ވަކިގޮތެއް ހަދައިދިން ކަމަށް ބުނާ ވީޑިއޯއަކަށް ރޮނާލްޑޯގެ "ލައިކް"

ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާ ދިޔައީ ފީފާގެ އެހީތެރިކަމާ އެކު ކަމަށް ބުނެ އާންމުކޮށްފައިވާ ވީޑިއޯއަކަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓަގްރާމްގައި "ލައިކް" ދިނުމުން، މައްސަލައަށް އިތުރަށް ސަމާލުކަން ބޮޑުވެއްޖެ އެވެ. 
ވޯލްޑް ކަޕް ފައިނަލު މެޗު ކުޅުމުގެ ކުރިން، ސްޕެއިންގެ ނޫސްވެރިޔެއްކަމަށްވާ، ޕިލާ ރޮޑްރިގޭޒް ލޮސަންޓޯސް އާންމުކުރި ވީޑިއޯގައި ތުހުމަތުކޮށްފައި ވަނީ އާޖެންޓީނާ އަސް ރެފްރީންގެ އެހީތެރިކަން ލިބުނު ކަމަށެވެ. 
"އެސްޕެޖޯ ޕަބްލިކޯ ޝޯ" ގެ ނަމުގައި ހުޅުވާފައިވާ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ ވީޑިއޯއަކީ، ފުޓްބޯޅަ ޝޯ އެއްގައި ޕލާ ދެއްކި ވާހަކަ އެވެ. އޭނާ ވަނީ ފީފާއަށާއި އާޖެންޓީނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
"މީގެ ފަސް މެޗު ކުރިން އާޖެންޓީނާ އޮތީ މުބާރާތުން ކަޓަންޖެހިފައި. އެމީހުން މުބާރާތުގައި މިހާރުވެސް އެތިބީ ދުނިޔޭގައި އޮތް އެންމެ ކޮރަޕްޓް އެއް މުއައްސަސާ ކަމަށްވާ ފީފާގެ އެހީތެރިކަމާއެކު،" ފައިނަލް މެޗުގެ ކުރިން އާންމު ކުރި ވީޑިއޯގައި ޕިލާ ބުނެފައިވެ އެވެ.
"އެހެންވެ އަހަރެން އާޖެންޓީނާ ދެކެ އެއްވެސް ވަރަކަށް ބިރެއް ނުގަނޭ. (އެކަމަކު) އަހަރެން ބިރުގަންނަނީ ޖިއާނީ އިންފަންޓީނޯ ދެކެ. އަހަރެން ގަބޫލުކުރަނީ އަހަރެމެން [ސްޕެއިން] ކުޅެންޖެހެނީ އާޖެންޓީނާއާ ދެކޮޅަކަށް ނޫން، ލިއޮނެލް މެސީއަށް ވޯލްޑް ކަޕް ހަވާލުކުރަން ބޭނުންވާ މުޅި ފީފާއާ ދެކޮޅަށޭ."
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ރޮނާލްޑޯގެ ވެރިފައީޑް އެކައުންޓުން ވަނީ އެ ވީޑިއޯއަށް "ލައިކް" ދީފަ އެވެ. އޭނާ އެ ވީޑިއޯއަށް ލައިކް ދިނީ ފައިނަލު ކުޅުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ނޭނގެ އެވެ. އެ ވީޑިއޯ އަށް އޭނާ ލައިކް ދީފައިވާކަން ފާހަގަވެ، ވައިގައި ހިފީ މިއަދު އެވެ. 
މެސީއަށް ފީފާގެ ނުފޫޒުން ފައިދާވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި، މީގެ ކުރިން ރޮންލްޑޯ ޖެހިފައެއް ނުވެ އެވެ. އެކަމަކު އެ ތުހުމަތުތަކަށް ރޮނާލްޑޯގެ ސަމާލުކަން ލިބުމުން ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.
ނަމަވެސް، އެ ވީޑިއޯއަށް "ލައިކް" ދިން ވަކި ސަބަބެއް ރޮނާލްޑޯ ހާމަކޮށްފައެއް ނުވެ އެވެ.
ލިއޮނެލް މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން މަޑުމަޑުން ފަނޑުވަމުންދާހެން ހީވި އެވެ. އެކަމަކު ރޮނާލްޑޯގެ ރަސްމީ އެކައުންޓުން އާޖެންޓީނާ އަށް އަމާޒުވާ އެ ތުހުމަތައް ލައިކު ދިނުމުން، އެ ވާދަވެރިކަން، ކެރިއަރު ނިމެން ކައިރިވެފައިވާ ދެ ކުޅުންތެރިންގެ ދެމެދު ތާޒާކޮށް އެބައޮތްކަމަށް، ބައެއް މީޑިއާތަކުން ވަނީ ސިފަ އެވެ. 
ފީފާއިން ވަކި ޓީމެއް ކޮޅަށް ޖެހޭކަމަށް، ކުރެވޭ ތުހުމަތުތައް ވަރުގަދަވީ ގަދަ 16 ގެ މެޗުގައި މިސްރު އަތުން 3-2 އިން އާޖެންޓީނާ މޮޅުވި މެޗަށްފަހު އެވެ.
އެ މެޗުގައި ނިންމި ގިނަ ނިންމުންތަކަކާ ގުޅިގެން މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާއަށް މައްސަލަ ހުށަހަޅާފަ އެވެ.
"މިޞްރުގެ ގައުމީ ޓީމުގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަކީ ދޫކޮށްލެވޭނެ ނުވަތަ ކުޑަކޮށްލެވޭނެ ކަމެއް ނޫން،" މިސްރުގެ ފުޓްބޯޅަ އިދާރާ އީއެފްއޭއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ