ހެލިކޮޕްޓަރުގެ ހިދުމަތް އަންނަ މަހު ބަޔަކާ ހަވާލުކުރަނީ

ރާއްޖޭގައި ވިޔަފާރި އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ މަހުގެ ތެރޭގައި ބަޔަކާއެކު ހަވާލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އޭނަ ވިދާޅުވީ އެ ހިދުމަތް ފަށަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތާއި ހިސާބަަށް ގޮސްފައިވާ ކަަމަށް އަމީން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭން އަންނަ މަހު ބަޔަކާ ހަވާލު ކުރަން ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތަކީ ޓޫރިސްޓުން އުފުލުމުގެ އިތުރަށް ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ބޭނުން ކުރާނެ ހިދުމަތެކެވެ.
އަމީން ވިދާޅުވީ ހިދުމަތް ފަށާ ފުރަތަމަ ތިން އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ހިދުމަތް ދޭންޖެހޭނެ ކަމަށް އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ. އެކަމަކު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު ދައްކާނެ އެވެ.
ހެލިކޮޕްޓަރުހެ ހިދުމަތް ދިނުމަށް ހުއްދަ ދޭން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ