ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް، މީގެ ކުރިންވެސް އެ މަގާމު ފުރުއްވާފައިވާ އަމްޖަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އަމްޖަދު މުސްތަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އޭނާއަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މަގާމުގެ ލިޔުން އަމްޖަދާއި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަމްޖަދު މުސްތަފާ އަކީ މީގެ ކުރިން ޖުޑިޝަރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، އަމްޖަދު ވަނީ ޝަރީޢާއިން ލޯ ބެޗްލަސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ.
އޭނާއަކީ ގާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ 2020 ވަނަ އަހަރުވެސް އެ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް އަމްޖަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ