ބިލު ނުދައްކައިގެން ށ. ބިލެތްފަހީގެ ބައެއް ގޭގެއިން ކަރަންޓް ކަނޑައިލުމުން ރަށު އޮފީސް ދޮށަށް މީހުން އެއްވެއްޖެ

ފީ ނުދައްކާ ކަމަށް ބުނެ ށ. ބިލެތްފަހީގެ ބައެއް ގޭގެއިން ކަރަންޓު ކަނޑައިލުމުން ރަށުގެ ގިނަ އަދަދެއްގެ މީހުން ރަށު އޮފީސް ދޮށަށް އެއްވެ، އިއްޔެ އާއި ރޭ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.ކައުންސިލަރު އަބްދުﷲ ޝަހީމް މިއަދު ވިދާޅުވީ ކަރަންޓުގެ ހިދުމަތްދޭ ޒުވާނުންގެ ޖަމިއްޔާ އިން ރަށުގެ ބައެއްގޭގެ ކަރަންޓް ކަނަޑައިލީ އިއްޔެ މެންދުރު ފަހު ކަމަށާއި އެކަމާ ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ މީހުން ރަށު އޮފީސް ކައިރިއަށް ޖަމާވެ އެކަމާ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ.އޭނާ ވިދާޅުވީ ކަރަންޓް ކަނޑައިލި ގެތަކުގެ މީހުންނާއި އެނޫން ވެސް ރައްޔިތުންގެ ގިނަ ބަޔަކު އޮފީސް ދޮށަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރުމުން މިހާރު ވާހަކަ ދައްކައި، އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ބަލައި ވަކި ގޮތަކަށް ނިންމެންދެން، ކަރަންޓް ކަނޑައިލި ގޭގެއަށް ކަރަންޓްދީފައިވާ ކަމަށެވެ.  ގޭގެއަށް ކަރަންޓް ދިނީ ރޭ  11:00 ޖަހަން އުޅެނިކޮށް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ކަރަންޓް ކަނޑާލާފައި ވަނީ އިއްޔެ މެންދުރު ފަހު 3 ޖެހިއިރު އެވެ. ކަރަންޓު ފީ، ރަށުގައި ނަގަމުންދަނީ އެނާޖީ އޮތޯރިޓީގެ ގަވައިދާ ހިލާފަށް ކަމަށް އޮފީސް ދޮށަށް އެއްވި މީހުން ގޮވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.ޝަހީމް ވިދާޅުވީ ކަރަންޓްގެ މައްސަލަ ފެންމަތިވެ ގިނަ ގޭގެ އިން ކަރަންޓް ކަނޑައިލީ ކަރަންޓް ފީ ނުދައްކާ ގޭގެއިން ކަރަންޓް ކަނޑަލާލުމުގެ ހުއްދައަކަށް އެދުމުން އެ މައްސަލަ ރަށު އޮފީހުން ބަލަމުން ގެންދަނިކޮށް ކަމަށެވެ."އަޅުގަނޑު އެ މައްސަލަ ބަލަމުން ގެންދިޔައީ. ކަރަންޓް ކަނޑައިލުމުގެ ހުއްދައެއް ދޭއިރު ކަރަންޓް ބިލު ނުދައްކައި ތިބި މީހުންގެ ޝަކުވާއަކީ ކޮބައިތޯ ވެސް ބަލަން ޖެހޭ. ކަރަންޓްދޭ ފަރާތުން ހުއްދައަށް އެދޭ އިރަށް އެ ހުއްދަ ދޭކަށެއް ނުޖެހޭ. އެހެންވީމާ އިއްޔެ ކަރަންޓް ކަނޑައިލީ އޮފީހުން މައްސަލަ ބަލަމުން ދަނިކޮށް،"އޭނާ ވިދާޅުވީ ކަރަންޓްދޭ ފަރާތާއި ރަށު އޮފީހާ ދެމެދު އެއްބަސްވުމެއް އޮންނައިރު އެ އެއްބަސްވުމުގައި ކަރަންޓް ކަނަޑައިލެވޭނީ ރަށު އޮފީހުގެ ހުއްދަ ލިބިގެން ކަމަށާއި ނަމަވެސް އެ ހުއްދަ ނެތި އިއްޔެ ކަރަންޓް ކަނޑައިލުމުން މީހުން އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށް ރޭގެ ވަރަށް ގިނައިރު ވަންދެން އެކަމުގައި އުޅުމަށް ފަހު މިހާރު މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ބަލަން ފަށާއިފައިވާ ކަމަށެވެ."މައްސަލަ ބަލަމުންދާއިރު މިވަގުތު އޮތީ ގޭގެއަށް ކަރަންޓްދީފައި،" ޝަހީމް ވިދާޅުވި އެވެ.ބިލެތްފަހީގައި 600 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ