ލަސް ނުވެ އައްޑޫއަށް ކަރަންޓު ދެވޭނެ: ފެނަކަ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވުމުން، ކަރަންޓު ފޯރުކޮށް ދިނުމުގެ މަސައްކަތް، ފަންނީ މުވައްޒިފުން ކުރަމުން ދާތީ، ލަސް ނުވެ އަލުން ކަރަންޓު ފޯރުކޮށް ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ، އައްޑޫ ސިޓީގެ ޕަވާ ޑިސްޓްރިއުބިޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްރަތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި ނެޓްވޯކަށް ދިމާވި ޓެކްނިކަލް އެ މައްސަލަ ހައްލުކުރަން ކުންފުނީގެ ފަންނީ މުވައްޒިފުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އައްޑޫން ކަރަންޓު ކެނޑިފައިވަނީ މިއަދު ހަވީރު 5:00 ޖަހާއެހާކަންހާއިރު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކަރަންޓު ދިނުމުން ވެސް އިރުކޮޅެއް ފަހުން ކަރަންޓު ކެނޑެ އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ. ނަމަވެސް ބެކަޕް ޖަނަރޭޓަރު ބޭނުން ކޮށްގެން އެއާޕޯޓަށް ވަނީ ކަރަންޓުދީފަ އެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވާ ކަމަށް މިދިޔަ ޖޫން މަހު ވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ