ނޯވޭގައި އަލިފާން ރޯވެ 100 އަށް ވުރެ ގިނަ ގެ އަނދައި ހުލިވެއްޖެ

ނޯވޭގެ ދެކުނުގައި އޮންނަ ޑްރާމަން ސިޓީ ކައިރީގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 100 އަށްވުރެ ގިނަ ގެ އަނދައި ހުލިވެއްޖެ އެވެ. 
ވެރިރަށް އޮސްލޯއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ހުޅަނގުން އޮންނަ މި ސަރަހައްދުގައި ބޯ ކަޅު ދުންތައް ފެތުރިފައިވާ އިރު، މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކު މަރުވި ނުވަތަ ގެއްލުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި 60 އަށްވުރެ ގިނަ ފަޔަރު ފައިޓަރުން ހަރަކާތްތެރިވި އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހެލިކޮޕްޓަރުތައް ވެސް ބޭނުންކޮށްފައިވެ އެވެ.
އެހެން ނަމަވެސް، އަލިފާންގަނޑު ނުނިވި އިތުރަށް ފެތުރެމުންދާތީ އާއި، ކައިރީގައި އޮތް ޖަންގަލިތަކަށް ވެސް އަލިފާނުގެ އަސަރު ކުރަމުންދާތީ ފުލުހުން ވަނީ އެ ސަރަހައްދުން ސަތޭކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
މި އަލިފާނުގެ ހާދިސާ ފެށުނީ ކޮން ތަނަކުން ކަމެއް އަދި ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ