އީފާސް ނިޒާމަށް އަމަލުކުރަން ފެށި ފަހުން ގާއިމްކުރި ޕާޓީތަކުގެ ދަފުތަރު ސައްހަ: އީސީ
ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމުގައި އޮންލައިން ނިޒާމަށް އަމަލުކުރަން ފެށި ފަހުން ގާއިމުކުރި ދަފުތަރަކީ ސައްތައިންސައްތަ ސައްހަ ދަފުތަރެއް ކަމާމެދު ޝައްކެއް ނެތް ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އީފާސް މެދުވެރިކޮށް ޕާޓީތަކަށް މެންބަރުން ވައްދާ ގޮތަށް ބަދަލުކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކަށް ނޭނގި އެއްވެސް މީހަކު ޕާޓީއެއްގައި ދަފުތަރުކުރެވިފައި ނޯންނާނެ ކަމަށެވެ. ޙަސަން ވަނީ، އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަނުމަށް ހުޅުވައިލުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ދަފުތަރުތައް އާންމުކޮށް އާންމުންގެ ޝަކުވާއަށް ހުޅުވައިލިކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ އީފާސް ނިޒާމަށް ބަދަލުވީ ޕާޓީތަކުގެ ދަފުތަރު އާންމުންގެ ޝަކުވާއަށް ހުޅުވައިލައި، އެއްވެސް މީހަކަށް ނޭނގި ޕާޓީތަކުގައި އޮތްތޯ ނެތްތޯ ބެލުމަށް ފަހު ކަމަށެވެ. "މިހާރު މި އޮތް ނިޒާމުގެ ތެރެއިން ގާއިމުވެފައި މި އޮތް ދަފުތަރަކީ ސަތޭކަ ޕަސެންޓު ސައްހަކަން ކަށަވަރު ކުރެވިފައި ހުރި ދަފުތަރުތަކެއް ކަމަށް އަޅުގަނޑަށް އެ ކަށަވަރުކަން ދޭން ކެރިދާނެ،" ޙަސަން ވިދާޅުވިއެވެ. މިހާރު މި އޮތް ނިޒާމުގެ ތެރެއިން އޮންނާނީ ސައްހަ ދަފުތަރުތަކެއް ކަމުގެ ޔަގީންކަން ޙަސަން ދެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާ މައްސަލަ މިދިޔަ އަހަރުގެ ކުރީކޮޅު ވަރަށް ބޮޑުވިއެވެ. ވެރިކަންކުރާ ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލަ ބޮޑުވެ ޝަކުވާ ލިބެމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ދަފުތަރާ މެދު ޝަކުވާ ހުށަހެޅުމަށް ހުޅުވައިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 23ވަނަ ދުވަހެވެ. ޕީއެންސީން ވަގު ފޯމު ފުރި ކަމުގެ ތުހުމަތުގައި އިދިކޮޅުން އޭރު ވަނީ މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުހަށްވެސް ހުށަހަޅައިފައެވެ. އެ މައްސަލަ ބޮޑުވެފައި އޮއްވައި އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ. ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރުނުކުރެވޭ ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް ވެސް އޭރު އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ