ފުލުހުން އެދުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޯނު ދެއްވިކަމުގައިވާނަމަ، މިއަދު މައުމޫނު ޖަލުގައި ހުންނަވަން ނުޖެހުނީސް ކަމަށް އަބްދުﷲ ޔާމީން ވިދާޅުވުމުން، ރައީސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ރައްދުދެއްވައިފި އެވެ.
ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރައީސް މައުމޫންގެ އަރިހަށް ވަޑައިގެން "އެއްބާރުލުން ދެއްވުމަށް" އެދިވަޑައިގަތް ކަމަށެވެ.
އޭގެ ޖަވާބުގައި "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށްދެވޭނެ" ކަމަށް ރައީސް މައުމޫން ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ރައީސް މައުމޫން ޖަލުގައި މިއަދު އިންނަވަން ޖެހިވަޑައިގަންނަވަނީ އަމިއްލަ ފައިދާ އާއި އާއިލީ ގުޅުންތަކުގެ މައްޗަށް އެމަނިކުފާނު ގައުމު އިސްކުރެއްވުމުން އެކަން ބާރުގައި ތިބި މީހުންނަށް ހަޖަމު ނުކުރެވުމުންނެވެ.
އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މުޅި އާއިލާއަށް ކުރިމަތިވެފައިވާ ބޭއިންސާފާއި ތަހައްމަލް ކުރަންޖެހިފައިވާ ވޭންތައް މި ބޭފުޅުން ސަރުކާރާ ގުޅިވަޑައިގެންފިނަމަ އެ ދުވަހުން ފެށިގެން ޖާދުލެއް ފަދައިން ގެއްލުނީސް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
އެ ތިން ބޭފުޅުން ވެސް ނަޒާހަތްތެރިކަން ވިއްކާލައި ރައީސް ޔާމީންއާއެކު ވަޑައިގެންފިނަމަ އެ ބޭފުޅުން ބޮޑެތި ދަރަޖަތައް ދެއްވާނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. ނަމަވެސް ހިލިހިލާ ޖެހިޔަސް އެ ބޭފުޅުންގެ ނަފުސް ވިއްކާނުލަައްވާނެ ކަމުގެ ޔަގީންކަން މައުމޫން ހަމީދު ވަނީ ދެއްވާފައެވެ.
"ހިލިހިލާ ޖެހިއަސް ރައީސް މައުމޫން ނަފްސު ވިއްކައެއް ނުލާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ