އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން އަދި މާ އަވަސް: މައުމޫން

އަންނަ ރިޔާސީ އިންތިހާބަކަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރެ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމާ މެދު މަޝްވަރާ ކުރަން އަދި އަވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި އިިދިކޮޅު ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންގެ ބައްދަލުވުމަށް ފަހު ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއްގެ މަޝްވަރާއެއް އިދިކޮޅު ފަރާތްތަކުގެ މެދުގައި އަދި ނުކުރާ ކަމަށެވެ. އަދި އެ މަޝްވަރާ ކުރުމުގެ ވަގުތު އަދި ނާންނަ ކަމަށާއި އިދިކޮޅު ލީޑަރުން މަޝްވަރާ ކުރައްވަނީ އެ ވަގުތު ކުރަން އެންމެ މުހިންމު ކަންކަމާ މެދުގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަދި ތިއީ ތަންކޮޅެއް އަވަސް ވާހަކައެއް. އެހެންވީމަ އެ ވާހަކަ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ނުދައްކަން. މިހާރު ކުރަން ހުރި އެހެން މަސައްކަތްތަކުގެ ވާހަކަ މި ދައްކަނީ،" މައުމޫން ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރެ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމުގެ ހިޔާލު ފުރަތަމަ ފާޅު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ލައްޒަތާއި އުންމީދު ދޫކޮށްލުމަށް ފަހު ރައީސް ޔާމީން ބަލި ކުރެވޭނެ ހަމައެކަނި ގޮތަކީ ހުރިހާ އެންމެން އެއްބައިވެގެން އެއް ކެންޑިޑޭޓެއް ނެރެން ކަމަށެވެ. އަދި އެ ކެންޑިޑޭޓަކީ އިންތިގާލީ ފަރާތެއް ކަމަށެވެ.
ޕީޕީއެމް އިން ބުނަމުން ދަނީ އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމަކީ އިދިކޮޅަށް ވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކުން ވެސް ބޭނުން ވަނީ އެބަޔަކު އަމިއްލަޔަށް އިންތިހާބަށް ނުކުންނަން ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރެފި ނަމަ، ރައީސް ޔާމީންއަށް އިންތިހާބު ކާމިޔާބު ކުރުން ވާނީ ބޮޑު ޗެލެންޖަކަށް ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.
މައުމޫން ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން ކުރާ އިސްލާހީ މަސައްކަތް ކުރަނީ ވަރަށް ރޭވުންތެރި ކަމާ އެކުގައި ކަމަށާއި އިދިކޮޅު ފަރާތްތައް ތިބީ ބަދަހިކޮށް ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ މަސައްކަތް އަދި ދަނީ ކާމިޔާބުކޮށް ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތުގެ ފޮނި ނަތީޖާ ފެންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެއްވެސް ފަރާތަކުން ތިބީ އިސްލާހީ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ